ސ. ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމްޑީޕީން ފަށާފައިވާ މަސައްކަތެއް ކަމަށާޢި، އެ މަސައްކަތް ނުފެށި ލަސްވެގެން ދަނީ ބަޤާވާތްކޮށްގެން ވެރިކަން ވައްޓާލުމުން ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބާއްވާ ސިލްސިލާ ކަންމަތީ ބައްދަލުވުމުގެ ތެރެއިން ހިތަދޫ އިތުރު ދާއިރާގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ވަހީދު ކިތަންމެ ވަރަކަށް އައްޑޫގެ އެއާޕޯޓް ތަރައްޤީ ކުރާ ވާހަކަ ދެއްކިއަސް އެކަން އޮޅޭނެ މީހަކު ނެތް ކަމަށެވެ.
އަދި އެމަސައްކަތަކީ 2012 ވަނަ އަހަރު އެޕްރީލް މަހު ފެށެން ހަމަޖެހިފައި އޮތް ޕްރޮޖެކްޓެއް ކަމަށާއި އެ ކަން ނުފެށި ލަސްވީ ވަހީދު އާއި ހެދި ކަމަށެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫއަށް ވަޙީދު ވަޑައިގެންނެވި ޒިޔާރަތުގައި އަދި ވަރަށް އަވަހަށް ބޮޑު ބިޔަ މަޝްރޫއަކާއި އެކު އަންނާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ސޯބެ ވިދާޅުވީ ވަޙީދުގެ ސަރުކާރަަކަށް އައްޑޫގެ އެއާޕޯޓް ތަރައްްޤީ ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ އެމްޑީޕީގެ ސަރުކާރަކުން ކަމަށެވެ.
"އަޅުގަނޑު އަޑުއެހިން އަޅުގަނޑު މެންގެ ރައީސް އައްޑޫ އެއާޕޯޓާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަ، މީ ތޯތޯ ވާހަކައެއް ނުން، ރައީސް ޝާހިދް އަލީ (ޝާޑް) އަށް ގުޅުއްވައި އެޕްރީލް މަސް ފޭށޭ އިރަށް މަސައްކަތް ފަށްޓަން ދެންނެވި، އަދި އެ މުއްދަތުގައި ނުފެށިއްޖެ ނަމަ ޝާޑްމެން ފެއިލްވީ ކަމަށް ވެސް ވިދާޅުވި." ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫގެ ތަރައްްގީގެ ނާރެހަކީ އައްޑޫ އެއާޕޯޓް ކަމަށެވެ. އަދި އެކަން ކުރައްވަން ރައީސް ނަޝީދު އެތައް މަަސައްކަތެއް ކުރެއްވި ކަމަށެވެ.
ސޯބެ ވަނީ ރައީސް ނަޝީދު އެއްބުރުން އިންތިހާބު ކުރައްވާނެ ކަމަށް ވިދާޅުވެ، ޑރ. މުހަައްމަދު ވަހީދު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.