Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

މި އަނިޔާވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އިބޫ އަށް ވޯޓުދެއްވާ: ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު - ފޮޓޯ: ސަން

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށާއި، އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމަށް ވޯޓްދެއްވުމަށް މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު އެދިވަޑައިގެންފިއެވެ.

ރިޔާޒުގެ ފަރާތްޕުޅުން އިއްޔެ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދަވާ ސަރުކާރާއި ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު މަސައްކަތްކުރުމުން، ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި އެއްގޮތަށް ހެޔޮ ވެރިކަމެއް ކުރުމަށް ނޫންކަން ދޭހަވުމާއި ގުޅިގެން ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގަޔާއި ސިޔާސީގޮތުން ކުރަމުން އައި މަސައްކަތް ހުއްޓުވުމަށްޓަކައި އަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ޖަލުގައި ބަންދުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތުން އޭނާ މަޙްރޫމްކޮށްފައިވާ ކަމަށެވެ.

"މިސަރުކާރު ވެރިކަމަށް އައުމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ މައިގަނޑު ވައުދުތަކުގެ ތެރެއިން އަސާސީ ޚިދުމަތްތަކާއި ގުޅުންހުރި ބައެއް ވައުދުތަކާއި ގުޅުންހުރި ޕްރޮޖެކްޓްތައް ވެރިކަމުގެ ފުރަތަމަ ދެއަހަރުގެ ބަޖެޓްގައި ހިމަނައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވީ ނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓެއް ޢަމަލީގޮތުން ހިންގަވާފައިނުވެއެވެ. އަދި ފުރަތަމަ ދެއަހަރަށް ފަހު ކިނބިދޫ ދާއިރާގެ ރައްޔިތުން އެންމެ އެދޭ ތަރައްޤީގެ މަޝްރޫޢުތައް ބަޖެޓްގައި ހިމެނުމަށް ތަކުރާރުކޮށް އަޅުގަނޑު ބަޖެޓް ފާސްކުރުމުގެ މަރުޙަލާގައި ހުށަހެޅި ނަމަވެސް ސިޔާސީ ވިސްނުން ތަފާތުވުމުގެ އަދަބެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އެވަގުތު އޮތުމުން އެއިން އެއްވެސް މަޝްރޫޢެއް ބަޖެޓްގައި ހިމަނުއްވާފައިނުވެއެވެ."، އެ ބަޔާނުގައި ވެއެވެ.

ރިޔާޒު ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ތެރެއިން އެއްވެސް ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ގާއިމްވެފައި ނެތް ކަމަށާއި، ހިރިލަންދޫ ބިން ހިއްކުމަށް ވެފައިވާ ވައުދު ފުއްދައިދީފައި ނުވާ ކަމަށެވެ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށާއި، އޮމަދޫ ބަނދަރު ހެދުމުގެ އިތުރުން މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީގެ މައިގަނޑު އެއްވެސް ޕްރޮޖެކްޓެއް އަމަލީ ގޮތުން ހިންގާފައިނުވާ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.

ރިޔާޒު ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމާއި ހިސާބުން ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އާންމުކޮށް، އަނިޔާވެރިކަން އިސްކޮށް އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރާއި ސިފައިންނާއި ފުލުހުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ޚުދުމުހުތާރު ސިފަތައް އެކުލެވޭ ގޮތަށް ވެރިކަމުގެ ނިޒާމް ބައްޓަންކޮށްފައިވާ ކަމަށެވެ.

"މިގޮތުން ނުރުހޭ ކޮންމެ މީހަކު ނުހައްޤުން ވިޔަސް ޖަލުގައި ބަންދުކޮށް ޘަނާ ނުކިޔާ ކޮންމެ މީހަކު ބާކީކޮށް އެކަހެރިކުރުމާއި އަމިއްލަ ބުއްދިއާއި ވިސްނުމަށް ފެންނަ ހެޔޮގޮތް ބަޔާންކޮށް ނުވަތަ އެގޮތަށް ޢަމަލުކުރުމަކީ ކުށްވެރިކޮށް އަދަބުދެވޭ ކަމަކަށް ބަދަލުކޮށްފައިވާކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ."، އެ ބަޔާނުގައި ރިޔާޒު ވިދާޅުވެފައި ވެއެވެ.

ރިޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ފާއިތުވެގެން މިދާ ފަސް އަހަރަކީ ދިވެހި ދައުލަތުގެ އެތަކެއް ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެ ނިކަމެތިކަމާ ވޭނާ ކެކުޅުމުގައި ހޭދަވާ ފަސް އަހަރު ކަމަށެވެ.

"ކަންމިހެން ހުރުމާއެކު ރައީސް އަބްދުﷲ ޔާމީން ދިވެހިރާއްޖޭގެ ވެރިއެއްގެ ގޮތުގައި އިތުރު ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރުމަކީ މިލޮބުވެތި ވަތަނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ދެކޮޅުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ."، ރިޔާޒުގެ ބަޔާނުގައި ވެއެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫ އާއި ރަނިން މޭޓް ފައިސަލް އަކީ އޭނާގެ ވަރަށް ގާތް އެކުވެރި ދެ އަޚުން ކަމަށެވެ.

އަދި ދިވެހި ގައުމުގެ ވެރީންގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުގެ ފުރުސަތު އެދެބޭފުޅުންނަށް ލިބިއްޖެނަމަ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި، ހާމަކަމާއެކު، ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް އެ ދެބޭފުޅުން ގައުމަށް ޚިދުމަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށާއި، އެއްވެސް ދިވެހި ރައްޔިތަކަށް ނުހައްގުން އަނިޔާވެރި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މުސްތަގީއްލުކަން ކަށަވަރުކުރައްވާނޭ ކަމުގެ ފުރިހަމަ އިތުބާރުވެސް އެބައޮތް ކަމަށާއި، އަދި އެދެބޭފުޅުން ވަނީ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރުމުގައިވެސް ރިވެތި ނަމޫނާއެއް ދައްކަވާފައިވާ ކަމަށެވެ.

އެހެންކަމުން، މި ޤައުމު ވެއްޓިފައި މިވާ ފުން އަނދަވަޅުން ސަލާމަތްކޮށް ޤައުމު އަމާން އައްސޭރިއަކަށް ގެންގޮސްދެއްވުމަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހިފައި، އިދިކޮޅު ކެންޑިޑޭޓް އާއި ރަނިން މޭޓަށް ވޯޓުދެއްވުމަށް ރިޔާޒު ގޮވާލެއްވިއެވެ.