ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ އާއްމުރައްޔިތުންނާއި ދިމާލަށް އަވަގުރާނަ ގޮވައިފިއެވެ.
އިބުރާހިމް މުޢާޒު އަލީ ވަނީ އާއްމުންގެ ތެރެއަށް ނުކުމެ ބޭއަދަބީ އަދި ހަޑިހުތުރުބަހުން އެއްޗެހި ގޮވާފައެވެ. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެކަމާއި ގުޅިގެން އާއްމު ރައްޔިތުންވެސް ދަނީ ރައީސް ޔާމީނަށާއި ސަރުކާރަށް އަދި މުއާޒަށް ފާޑު ކިޔަމުންނެވެ.
މީހުންގެ ކޮމެންޓް ތަކަށް ބަލާއިރު، "ހާދަ ހަޔާތްކުޑަ މީހެކޭ"، "ލަދެއް ނުގަނޭތަ މިމީހުން"، "މިވަރު މީހުން ހޮވަންތަ ވޯޓު ދޭށޭ މި ކިޔަނީ" ، "ލަދުން ބޯހަލާކު"، މިފަދަ އެތައް ކޮމެންޓެއް މުއާޒްގެ ބަހުރުވައިގެ ސަބަބުން އޭނައަށާއި ރައީސް ޔާމީނަށް ސޯޝަލް މީޑިއާގައި ދަނީ އަމާޒުވަމުންނެވެ.

އާއްމުރައްޔިތަކާއި ދިމާއަށް މުއާޒު އަވަގުރާނަ ގޮވާފައި ވަނީ، މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމަށް ނުކުމެ އުޅުއްވަމުން، އެސަރަަހައްދުގައި މަސްވެރިން ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމާއި އެމީހުން ތާއީދު ކުރަނީ އިބުރާހިމް މުހައްމަދު ސޯލިޙަށް ކަމުގައި ބުނެ އަޑު އުފުލަން ފެށުމުންނެވެ. މުއާޒަށް އަޑުއިއްވައި މަސްވެރިއަކު އަހަރެމެންގެ ދިހަހާސް ރުފިޔާ ކޮބައިހޭ ގޮވަން ފެށުމުން ކޯފާވެގެން އެމީހާއަށް ރައްދުދީ މުއާޒު ގޮވީ އަވަގުރާނައެވެ.
ރައީސްގެ ތަރުޖަމާނުގެ އިލްތިމާސް ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ ޓްވީޓް ކުރައްވާ އެ ވީޑިއޯ ހިމަނުއްވާފައިވެއެވެ.
މުއާޒު ވަނީ ރައީސް ޔާމީނު އަޅުއްވައި ދެއްވާފައިވާ ބުރިޖާއި ފަންސަަވީސް ބުރީގެ އިމާރާތް ނުފެންނަ ނަަމަ އައިކެއާއަށް ގޮސް ލޯޓެސްޓް ކޮށްލަން އެދޭކަމަށް ބުނެ ރައްޔިތުންގެ ލޮލަށްވެސް ގޮވާފައެވެ. އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޕީޕީއެމްގެ ދެތިން މީހަކާއިއެކު މަސްމާރުކޭޓު ސަރަހައްދަށް ވަޑައިގެން މުއާޒު މަސައްކަތް ކުރައްވަނީ މަސްވެރިން ރުޅިއަރުވައި ހަމަނުޖެހުން ހިންގަން ކަމަށްވެސް އާއްމު ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.