Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އިބޫއަށް ތާއީދު ކުރަނީ ޕީޕީއެމް މީހުންގެ ސަޕޯޓުވެސް އޮންނާތީ: އިލްޔާސް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން، ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހް އިޚުތިޔާރު ކުރެއްވި ސަބަބުތަކުގެ ތެރޭގައި، އެބޭފުޅާއާ އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުންގެ ތާއީދާއި އިޙްތިރާމް ލިބިފައި އޮތުން ހިމެނޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ބޮޑޫ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ކީރިތި މާތް ރަސޫލާގެ އިރުޝާދުތަކަށް މައްކާގެ މުޝްރިކުން ދެކޮޅު ހެދި ނަމަވެސް، އެމަނިކުފާނު އަލް އަމީންގެ ލަޤަބު ލިބިވަޑައިގެންނެވި، އަމާނާތްތެރި ބޭކަލެއްގެ ގޮތުގައި މުޝްރިކުންގެ މެދުގައި މަޝްހޫރު ވެވަޑައިގެންނެވި ކަމަށެވެ.

ހަމަ އެފަދައިން ޕީޕީއެމްގެ ބޭފުޅުންނަށް ވެސް، އިބޫގެ ޚިޔާލުތަކާއި ފިކުރުތަކާ ދެކޮޅު ނަމަވެސް، އިބޫއަކީ ތެދުވެރި ހިތްތިރި ބޭފުޅެއްގެ ގޮތުގައި ގަބޫލުކުރައްވައި އިޙުތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ވާތީ އިބޫއަށް ތާއީދު ކުރަން ފަސޭހަވި ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް އަލިއަޅުވާލާފައިވަނީ އިންތިޚާބުގައި އިބޫ ވާދަކުރައްވަން ގަސްދު ކުރެއްވުމުގެ ކުރިން، ޕީޕީއެމްގެ އިސް ބޭފުޅުން އިބޫއަށް އެމްޑީޕީގެ ކެންޑިޑެސީ ހައްގު ކަމަށް ބުނެ ހެޔޮ ބަސްތައް ރައްދު ކުރުމުންނެވެ. ޚާއްސަކޮށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ އެމްޑީޕީގެ ކެންޑިޑެސީ އެންމެ ހައްގު ބޭފުޅަކީ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިދާޅުވެފައެވެ.

އިބޫ ސޯލިހަކީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެމްބަރެކެވެ. އަދި އެ ދިގު 25 އަހަރު ތެރޭގައި ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވާފައިވާއިރު ދުވަހަކުވެސް މީހަކާ ޒުވާބުކޮށް ހަޑިހުތުރު ބަހުން މުޚާތަބު ކޮށްފައިނުވާނެ ކަމަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.