މިއަދު ރައްޔިތުންނަށް ބަހާނެ ފައިސާއެއް ނެތް ކަމަށާއި އެންމެ ރައްޔިތުންގެ ކިބައިން އެދެނީ ހިތުން ރުހުމުން، މި އަނިޔާވެރިކަން ނިންމުމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހަށް ވޯޓު ދެއްވުމަށް ކަމަށް ޕީޕީއެމްގެ ކުރީގެ ރެޖިސްޓާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ހިޔަލީ މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިޔަލީ ވިދާޅުވީ އޭނާއަކީ ކޯޓު އަމުރަކަށް ބިރުގަންނާނެ ބޭފުޅެއް ނޫން ކަމަށެވެ. ކޯޓު އަމުރެއް ނެރުނަސް، ޖަލަށް ލިޔަސް ހިތަށް ކަހިރުވަކެކޭ ވެސް ނާރާނެ ކަމަށް ހިޔަލީ ވިދާޅުވިއެވެ.
ހިޔަލީ މިހެން ވިދާޅުވީ ވޯޓު ގަނުމުގެ ތުހުމަތުގައި އިއްޔެ އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަމަށް އައްޑޫ ސިޓީގައި އަޑު ފެތުރިފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ ދުވަހަކުވެސް ވައްކަން ކޮށްގެން ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީނާއެކު ގިނަ ދުވަސްވަންދެން ޕީއޭ ގައި ވެސް މަސައްކަތް ކުރެއްވި ހިޔަލީ ވިދާޅުވީ އެމަނިކުފާނަށް ތާއީދު ނުކުރަން ނިންމެވީ ރައީސް މައުމޫން ހައްޔަރުކުރުމުން ކަމަށެވެ. އަދި އިބޫ ސޯލިހް އަށް ތާއީދު ކުރަނީ މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވަނީ އޭނާ ކަމަށް ވާތީ ކަމަށް ވެސް ހިޔަލީ ވިދާޅުވިއެވެ.