Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އިބޫ އަށް ވޯޓު ދެއްވުމަށް ފާރިސް އެދިވަޑައިގެންފި

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓުދެއްވުމަށް މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލެއް ކަމަށްވާ ފާރިސްގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހު ނެގޭ ވޯޓުގައި ބަދަލުވެގެންދާނީ ހަމައެކަނި ވެރިކަން ކުރާ ފަރާތެއް ނޫން ކަމަށާއި، އެދުވަހު އަލްވަދާޢު ކިޔާނީ ދިވެހިން ބައިބައިކުރުވާ، ފިތުނަވެރިކަން އުފައްދާ ޘަޤާފަތަކަށް ކަމަށާއި، މަރުޙަބާ ކިޔާނީ ތަސައްރަފު ފުދިފައިވާ ސިޔާސީ ވެއްޓަކަށް ކަމަށެވެ.

"ދިވެހިންނަކީ ދާއިމަށް ދެފަޅިއަކަށް ނުވަތަ އެއަށްވުރެ ގިނަ ފަޅިއަށް ބަހާފައިތިބޭ ބަޔަކަށް ވާކަށް ނުޖެހެއެވެ. އަސާސީ ޙައްޤުތަކާ ޚިދުމަތްތައް ހޯދުމަށްޓަކައި، ވަކި ބޭފުޅެއްގެ ކުޑައިގެ ހިޔާވަހިކަން ހޯދުމަށް، ނުވަތަ ވަކި ކުލައެއްގެ ދިދައެއްގެ ފަހަތަށް މަޖުބޫރުވުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫނެވެ. އިސްލާމްދީނާއި ޤައުމުގެ ޙައްޤުގައި މަސައްކަތް ކުރުމަކީ އެއްވެސް އެއްބައެއްގެ މޮނޮޕޮލީއެއް އޮންނަ ކަމެއް ކަމުގައިވެސް ދިވެހިންނެއް ނުދެކެއެވެ."، އެ ބަޔާނުގައި ވެއެވެ.

ފާރިސް ވިދާޅުވީ ދިވެހި މުޖުތަމާއު ޑިމޮކްރަޓައިޒްވެއްޖެ ކަމަށާއި، ދިވެހިންގެ މަސްލަހަތު ނެތްގޮތަކަށް މަސައްކަތްކުރާ ބަޔަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ތެދުވާނެ ބަޔަކު ދެން އަބަދުވެސް ތިބޭނެކަން ރައްޔިތުންނަށް ކަށަވަރުވެއްޖެ ކަމަށެވެ.

"ނުފޫޒާ ބާރުގެ ކުރިމަތީގައި ޙައްޤުބަސް ބުނާ މަޖިލިސް މެމްބަރުންގެ މިސާލުންނެވެ. ވަރަށް ފޯރައިގެން ދޫދެއްވި ހަތަރު ލީޑަރުންގެ ހިތްވަރުންނެވެ."، ފާރިސްގެ ބަޔާނުގައި ވެއެވެ.

ފާރިސް ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި ޕީޕީއެމްގެ މެމްބަރުންނަކީ އެމްޑީޕީ ދެކެ ބިރުގަންނަ ބައެއް ކަމުގައި ބަލައިގެން މަސައްކަތް ކުރާކަމީ އެކަމާ އިންތިހާއަށް ލަދުގަންނަ ކަމެއް ކަމަށެވެ. އަދި ޕީޕީއެމްގެ އާންމު މެމްބަރުންނަކީ ހުރިހާ ދިވެހި ރައްޔިތުންނާމެދު ލޯތްބާއި އިޙްތިރާމާއެކު ދެކޭ ބައެއް ކަމަށާއި، ދިވެހިން މި ދެކޭ އުންމީދީ މުސްތަޤްބަލް ދެކެން ބޭނުންވާ، ކެރޭ، އިޚްލާސްތެރި ބައެއް ކަމަށެވެ.

"23 ސެޕްޓެމްބަރުގެ ވޯޓަށްފަހު، އިރާދަކުރެއްވިއްޔާ އުފެދޭނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. ރާއްޖޭގެ ކަންކޮޅުތަކުގައާއި، ސިޓީތަކުގައާއި، ރަށްރަށުގައި، ސިޔާސީ އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންގެ މެދުގައިވެސް އެކުވެރިކަމާއި ހަމަޖެހުން ބަދަހިވެގެން ދާނެއެވެ. ރަށުގެ ތަރައްޤީއާއި ޤައުމުގެ ކުރިއެރުމުގައި އެކުގައި މަސައްކަތްކުރާ މަންޒަރު އަޅުގަނޑަށް މިހާރުވެސް ފެނެއެވެ."، ފާރިސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އަންނަ އާދިއްތަ ދުވަހު، ކެންޑިޑޭޓް ނަންބަރު 2، އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު އިލްތިމާސްކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.