Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އަޅުގަނޑަކީ ފަސޭހައިން ބަލި ޤަބޫލުކުރާ މީހެއް ނޫން: ރައީސް

އަބަދުވެސް މަސައްކަތް ކުރައްވަނީ ވަކި ޓާގެޓެއް ހާސިލް ކުރުމަށް ކަމަށާއި ފަސޭހައިން ބަލި ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނަކީ ފަސޭހައިން ބަލި ޤަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ޓީވީއެމް އިން މިއަދު ގެނެސްދިން "ވަން އޮން ވަން" އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ވަކި ޓާގެޓެއް ހާސިލްކުރެއްވުމަށް ކަމަށާއި، އެމަނިކުފާނަކީ ކަންކަމާ ކުރިމަތިލާން ކެރިވަޑައިގަންނަވާ، ޤައުމުގެ ގޮންޖެހުންތަކާ ކުރިމަތިލެއްވުމުގެ ހިތްވަރު ވެސް ހުންނެވި ބޭފުޅެއް ކަމަށެވެ.

އަދި ކަމެއް ދިމާވާއިރަށް ރައްޔިތުން ދޫކޮށްލާފައި ދިޔުމުގެ ވިސްނުން ހުންނަ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށާޢި، ރައްޔިތުންގެ ގާތަށް ވޯޓު ހޯދުމަށް އެފަދަ ހިތްވަރެއް ނެތް މީހަކު ގޮސްގެން ވެސް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރުޅި ދުރުވަން ޖެހޭ ވަގުތު ރުޅި ދުރުވާ، ވަރަށް ސީރިއަސް ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ވިދާޅުވާ ގޮތަކަށް ނޫނީ އެއަށްވުރެ މޮޅަށް ކަންކަން ނިންމަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި، ކަންކަން ނުވެ ދާ ކަމަށްވާނަމަ އެމަނިކުފާނު ހުންނަވާނީ އަމިއްލަ ނަފުސު ދެކެ ވެސް ރުޅިދުރުވެފަ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާކަށް އެމަނިކުފާނު ޤަބޫލުފުޅެއް ނުކުރައްވާނެ ކަމަށާއި، އެމަނިކުފާނަކީ އަމިއްލަ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.

"އޭސް އައި އޭމް ދަ ބޮސް، މައި ވޭސް ގޯސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޓީވީއެމް އަށް ދެއްވި އިންޓަވިއުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ރައްޓެހިން ވެސް ވަރަށް ގިނަ، އަދި މަޖާވެސް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޕޯޑިއަމްތަކުގައި ފެނިގެން ދަނީ އެމަނިކުފާނުގެ އަަސްލު ސިފަ ނޫން ކަމަށާއި އެއީ ސިޔާސީ މަސައްކަތް ކަމަށެވެ.