ހދ. ކުޅުދުއްފުށީގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓް ނުނިމެނީސް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގައި އަދި ނިމިފައި ވަނީ ރަންވޭ އެކަންޏެވެ. އެއީ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީ ވޭ އެވެ. ރަންވޭގައި ތާރު އަޅައި ނިމުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ ޑޮމެސްޓިކް އެއާޕޯޓްގެ ރަންވޭ ނިންމާ ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އޭރު ވައުދުވެ ވަޑައިގަތީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ދެ އަހަރުގެ ތެރޭގައި އެ އެއާޕޯޓު ހަދައި ދަތުރުތައް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ތަފާތު ގޮންޖެހުތަކުގެ ސަބަބުން، ހަމައެކަނި ރަންވޭގެ މަސައްކަތް ނިމިފައިި ވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށެވެ.
މިދިޔަ އަހަރު ރައީސް ޔާމީން ފައްޓަވައި ދެއްވި މި މަޝްރޫއު ދިގުލައިގެން ދިޔައީ އެއާޕޯޓް ހެދުމަށްޓަކައި ހުސްކުރަން ޖެހޭ 18 ގޭގެ ތެރެއިން 12 ގެއެއް ހުސް ނުކުރެވި ލަސްވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ މައްސަލަ ހައްލުކޮށް، އޭގެ ތެރެއިން ދެ ގެ ފިޔަވާ އެހެން ގެތަކުގެ ބަދަލު ދީ ވަނީ ނިންމާފަ އެވެ.
އެއާޕޯޓް ހެދުމަށްޓަކައި އެރަށުގެ އާސާރީ ކުޅިން ބޮޑުބައެއް ހިއްކުމުގެ ސަބަބުން ކުޅިއަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ 12 މަދަނީ ޖަމިއްޔާއަކުން ދާދި ފަހުން ފަނީ ކުޅީގެ ބާކީއޮތްބައި ހިމާޔަތް ކުރުމާއިބެހޭ ގޮތުން ނޫސް ބަޔާނެއް ވެސް ނެރެފައެވެ.
ރައީސް ޔާމީން ވަނީ މިއަދު ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ބޮޓްލިންގ ފެކްޓްރީގެ ޚިދުމަތް ވެސް ފައްޓަވައިދެއްވައިފަ އެވެ.