Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ސިއްރު ފެންފުށީގައި ހުރި ބުދުތައް ތަޅާ ނަގައިފި

ބުދުތައް ނެގުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ޓްވިޓާ (ޕޮލިސް އެމްވީ)

ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެން ފުށި ރިސޯޓުގެ މޫދުގައި ހަދާފައިވާ ކޮރަލާރިއަމްގައި ބަހައްޓާފައިވާ ބުދުތައް ތަޅާ ނަގައިފި އެވެ.

ފުލުހުން މިއަދު ހަވީރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ށ. އަތޮޅު ސިއްރު ފެން ފުށި ރިސޯޓްގައި ހަދާފައިވާ ކޮރަލާރިއަމްގައި އިންސާނުންގެ ސޫރަ ސިފަވާގޮތަށް ބަހައްޓާފައި ހުރި ބުދުތައް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ބުދުތައް ނެގުމަށްފަހު މިއަދު ހަވީރު 17:45 ގައި ކޮރަލާރިއަމް މުޅިން އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

އެ ބުދުތައް ނަގާފައި މިވަނީ ފަސް ގަޑީއިރު ތެރޭ ބުދުތައް ނެގުމަށް އިއްޔެގެ 13:30 ގައި ސިވިލް ކޯޓުން ނެރެފައިވާ އަމުރަކާއި ގުޅިގެންނެވެ. އެގޮތުން ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނުނެގިއްޖެ ނަމަ ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް ފުލުހުންނާއި، ސިފައިންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ތަނަކީ އިސްލާމީ ވަހުދަތާއި، ދިވެހި ދައުލަތުގެ ސުލްހަ މަސަލަސްކަމާއި ނިޒާމުގެ އާއްމާއި ހިލާފުވާ ގޮތަށް ބަހައްޓާފައިވާ އެއްޗެއްކަން ހުށަހެޅި ލިއުންތަކުން އެނގޭ ކަމަށެވެ.

އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް ތައްޔާރުކޮށްފައިވާ މި ބުދުތައް އެރިސޯޓުގެ ފަޅުގައި ބެހެއްޓުމާއި އެކު ދީނީ އަލްމުވެރިން ވަނީ މި ބުދު ވަގުތުން ނެގުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިއަދު އެ ބުދުތައް ނަގާފައިވާއިރު، ރާއްޖޭގައި ބުދު ބެހެއްޓުމާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައެވެ.