މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުންނާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ސޯލްޓް ކެފޭގައެވެ. މި ބައްދަލުވުމުގައި އަލަށް ވޯޓުލާ ގިނަ އަދަދެއް ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ބައްދަލުވުމުގައި އިބޫ ދެއްކެވި ވާހަކަފުޅުގައި އަލަށް ވޯޓުލާ ޒުވާނުންނަށް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އިއްތިހާދުގެ ސިޔާސަތުތަކާއި ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައްވެސް ވަނީ އެޒުވާނުންނާ ހިއްސާ ކުރައްވާފައެވެ.
ބައިވެރިން ވަނީ މުޖުތަމައުގައި ޒުވާނުންނަށް ހުރި ކަންބޮޑުވުންތައް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވާފައެވެ. އެކަންކަމަށް އިއްތިހާދުގެ ވެރިކަމުގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ އެކަންކަމުގެ ހައްލު ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ޒުވާނުންގެ ގޮތުގައި 24،000 ޒުވާނުން ރާއްޖޭގައި އެބަތިއްބެވެ.
އިންތިހާބަށް ދެދުވަހަސް ވެފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ކެމްޕެއިން ކުރެއްވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ.
މީގެކުރިން ކެމްޕެއިން ކުރެއްވުމަށް ދެބޭފުޅުންވަނީ ރައްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ކެމްޕޭން އެންމެ ފަހުގެ ޖަލްސާއެއް ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ބައިވެރިންނާއެކު ޖަލްސާއެއް ބާއްވާފައެވެ.