ފަސް އަހަރު ދުވަހު ތަޚުތުގައި ހުރެވިއްޖެއެވެ. ނުހަނު ބޮޑާ ކަމާ ކިބުރުވެރިކަމާއެކު ވެރިކަން ވެސް ކުރެއްވިއްޖެޔޯލައެ! މިއަދަކީ މީ ފަހު ދުވަސްތާއެވެ. މާދަމައަކީ ބޮޑު އިމްތިޚާނު ބާއްވާ ދުވަހެވެ.
ފެންނަ އަލާމާތްތަކުން، ދެކެވޭ ވާހަކަތަކުން މުޅިންވެސް ދޭހަވަނީ ބަޔަކު ނޭވާ ހޮޅިއަށް އެޅިފައިވާ ތަނެވެ. މިނިސްޓަރުން ވައިބާ ގްރޫޕުތަކުގައި މިފާއިތުވެދިޔަ ފަސް އަހަރު ގެންގުޅުނު އިންޒާރުގެ "ޓޯން" ބަދަލުވެއްޖެއެވެ. މާޔޫސްވެފައިވާ މޫނުތަކުން މުވައްޒަފުންނަށް އެދި ކުރަނީ އާދޭހެވެ. މުސާރަ ބޮޑު ކޮށްދޭނަމޭ ނިމިދިޔަ ފަސް އަހަރު ނުކުރެވުނު ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އެދި ކުރާ އާދޭހަށް މުވައްޒަފުން މިއަދު އަރުވާލަނީ "ސީން" އެވެ.
ކޯޗުގެ ގޮތްދޫނުކުރާ ސިިޔާސަތުވެސް ބަދަލުވެ ދީލާލާތަން ފެންނަން ފަށައިފިއެވެ. ދާދި އިހަކަށްދުވަހު ހިމަފޮދު ވާރޭގައި ކުޑަ އަޅައިގެން އައްޑޫ ގަމުން ރައްޔިތުންނާ ސަލާން ކުރެއްވި ކޯޗު އިއްޔެ ކުޅުދުއްފުށީގައި ބޯވިއްސާރާގައި ތެމި ފޯވީ ރައްޔިތުންނަށް އާދޭސް ދަންނަވާ ހުއްޓައެވެ.
މަޖިލިސް މެމްބަރުންނަށް ކޮސް ގޮވެން ފަށައިފިއެވެ. ތަރުޖަމާނަށް ރައްޔިތުންނާ ދިމާލަށް ރޯމާ ދުވާލު އަވަގުރާނަވެސް ގޮވިއްޖެއެވެ. ބޭބޭފުޅު އުމުރުން ދުވަސްވެ އެއްކާރިވީމާ ވެސް ލިބޭ ތަރުހީބު ބޮޑު ކަމުން ޖަލަށް ލާފައި، އަށް މަސް ދުވަހު ޖަލުގެ ތޭރިތަކަށް އެއްލާލާފައި އިމްތިހާނަށް ދެދުވަސް ވުމުން މެމްބަރުން ނެރެ ބޭބެއަށް ހެޔޮ ގޮތެއް އޮތީ ތިމަންނާއަށް ވޯޓު ދީގެން ކަމަށް ބުނުވުމަކީ ނޭވާ ހޮޅިއަށް އެޅުމުގެ ފުރިހަމަ އަލާމާތެކެވެ.
ތިމަންނާއަކީ ފަސޭހައިން ބަލި ގަބޫލުކުރައްވާނޭ ކޯޗެއް ނޫން ކަމަށް ވިދާޅުވުމުން ކޯޗު ހުރީ މިހާރުވެސް ބަލި ވާނެ ކަމަށް ދެކިގެން ކަން ނޫން މާނައެއް އޭގެއިން ދޭހައެއް ނުވެއެވެ.
ދެން ހުރި މީހާ އޭނާއަށް ވެރިކަން ދީފިނަމަ ކުރާނެ ކަންތައް، އިންތިޚާބު ނުބޭއްވެނީސް ތިމާ ކުރުމަކީ ވެސް ހަމަ ނޭވާހޮޅިއަށް އެޅުމުން ހެދޭ ނެހެދޭ ނޭނގި ދުވުމެވެ. އޭނާ ހައުސިން ލޯނުތަކުގެ އިންޓަރެސްޓު ކުޑަ ކޮށްދޭނެ ކަމަށް ބުނުމުން އިންތިޚާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ތިމާއަށް އެކަން ކުރެވޭތީ އެކަން ކުރުމުން ދޭހަވާ އިތުރު މާނައެއް ނެތެވެ.
ޖޫރިމަނާތައް ކުޑަ ކުރުމާއި މާފު ދިނުމާއި ލުއި ދިނުމަކީ ތިމަންނާ ވަރުގެ ހެޔޮ މީހަކު ނެތް ކަމަށް ހެއްދުމަށް ޖަހާ މަޅިފަތީގައި މި 2018 ވަނަ އަހަރު ބެދޭނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ދިވެހިންތޯ އެއީ ކުރުން އައުލާކަން ބޮޑު ސުވާލެކެވެ.
ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުށްވެރިން އެއްވެސް ސަބަބެއް ނެތި ޝަރީއަތް ހިނގަ ހިނގާ އޮތްވާ މިނިވަން ކުރުމަކީ ވެސް ހަމަ ބުއްދި އަށް ވިސްނޭ ކަމެއް ނޫނެވެ. ހައްތަހާވެސް ސުވާލު އުފެދޭ ކަންތަކެވެ. ރައްޔިތުން ތިބީ ތައްޔާރަށެވެ. ފައިނަލް މާކުސް ނެރެން އެންމެ ދުވަހަކެވެ. ކޯޗު ހުރީ ތައްޔާރަށްތޯއެވެ؟