ވަކި ބަޔެއްގެ ނަން ހާމަ ނުކުރައްވައި ޝެއިޚް އިލްޔާސް މިއަދު އެމަނިކުފާނާ ޑީލު ހަދަން ބަޔަކު އުޅުނު ކަމަށް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގައި ދިރިއުޅުއްވަމުން އަންނަ ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު ހިތަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވުމަށް އައްޑޫ އަށް ވަޑައިގެން، މިއަދު ހެނދުނު އަނބުރާ މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ދިއުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އެންގުމުން ބޭރަށް ނިކުމެވަޑައިގެން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިލްޔާސް ވިދާޅުވީ މިވަގުތު ގައުމު އޮތް ހާލަތުން ފިތުނަ ފަސާދައަށް މަގުފަހި ވެދާނެތީ ޑީލް ހަދަން ހުށައެޅި ބޭފުޅުންގެ ނަން ހާމަ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ވަގުތު ޖެހުމުން ނަމާއެކު އެވާހަކަތައް ރައްޔިތުންނަށް އަންގާ ދޭނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
މީގެ އިތުރުން ހުންނަވަން ޖެހޭނީ މިފަޅީގައި ކަމަށް އެމީހާ ބުނި ކަމަށާއި ނަމަވެސް އެއްވެސް ފަޅި ފަޅިއަކަށް ހުންނަވާނެ ބޭފުޅެއް ކަމުގައި އެބޭފުޅާ ނުވާނެ ކަމަށް ޖަވާބުގައި ދަންނަވާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެބޭފުޅާ ހުންނެވީ އަދާލަތު ޕާޓީގައި ކަމަށާއި ޕާޓީއާ އެކު ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި ކަމަށް އިލްޔާސް ހާމަކޮށްފައިވެއެވެ.
އަދި އެ ޖަވާބު ދެއްވުމުން، މަރްޙޫމް ޑރ. އަފްރާޝީމް އަލީއަށް ވި ގޮތް ހަނދާން ހުންނަވާނެ ނޫންތޯ އެގޮތަށް ޝެއިޚްއަށް ވެސް ވެދާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
އެހެން އެ ދަނޑިވަޅުގައި އެވާހަކައަށް ފަހު ވިދާޅުވުން ދެކެނީ އިންޒާރެއްގެ ގޮތުގައި ކަމަށާއި އެވާހަކަ ދެއްކުމުން ޑރ. އަފްރާޝީމްގެ މަތިން ހަނދާން ވީ ކަމަށް ވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
ހިތަދޫގައި ބޭއްވި އަދާލަތު ޕާޓީގެ ޖަލްސާއެއްގައި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން 9 ޒުވާނަކު މަރާލާފައިވާ ކަމަށް ޝެއިޚް އިލްޔާސް ދެއްކެވި ވާހަކަތަކާ ގުޅިގެން ތަހުގީގު ކުރުމަށް ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވިއެވެ.
ފޮނުވިއިރު މެލޭޝިޔާގައި ހުންނެވި ވާހަކަ ދެންނެވުމުން ފުލުހުން ވަނީ ރާއްޖެ ވަޑައިގެން، ފުލުސް އޮފީހަށް ވަޑައިގަތުމަށް އެދުނު ކަމަށާއި 20 ވަނަ ދުވަހު ރާއްޖެ ވަޑައިގެން އެކަން ފުލުހުންނަށް އެންގެވި ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި 21 ވަނަ ދުވަހުވެސް ހުންނެވީ ގޭގައި ކަމަށާއި އެއްވެސް ތަނަކަށް ހާޒިރުވުމަށް އަންގާފައިނުވާއިރު ފުރަން އައުމުން ޕާސްޕޯޓު ހިފަހައްޓާފައިވާތީ ހިތާމަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.