Last Updated: June 10, 11:53
Wednesday, June 10, 2026
ޚަބަރު

މިއީ ފުލުހުން މިނިވަން ވުމަށް ލިބޭ ފުރުސަތެއް: އަރީފް

ކުރީގެ ސީޕީ އަރީފް؛ ފޮޓޯ - ވީނިއުސް

މާދަމާ ބޭއްވޭ ރިޔާސީ އިންތިޚާބަކީ ފުލުސް އިދާރާ މިނިވަންވާން ލިބޭ ފުރުސަތެއް ކަމަށާއި އެފުރުސަތުގެ ބޭނުން ހިއްޕެވުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް ގޮވާލައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ރައީސްގެ ފޯނުކޯލަށް ޖަވާބު ނުދެއްވާތީ މަގާމުން ވަކިކުރި އަރީފް ވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައެވެ.

ދުރާލާ ރާވައިގެން އެހެން ބަޔަކާ ބައިވެގެން ސުޕްރީމް ކޯޓުގެ އަމުރު ތަންފިޒު ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައެވެ.

ޖަލު ބަންދުގައި ހުންނެވި އަރީފް ނެރުއްވި ބަޔާނުގައި ވަނީ އޭނާ މަގާމުގައި ހުންނެވި އިރު ފުލުސް އިދާރާ ހެޔޮ މަގަކަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއިދާރާ ސަރުކާރުގެ ސިޔާސީ އެޖެންޑާތައް ތަންފީޒު ކުރާ ތަނަކަށް ހެއްދެވި ކަމަށް އަރީފް ވިދާޅުވިއެވެ.

އަދި ޣައިރު ގާނޫނީ އަމުރުތަކާއި ބޭއިންސާފުގެ ދިގު ސިލްސިލާއަކަށްފަހު އެކެއް ފެބުރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު ތަންފީޒުކުރުމަށް މަސައްކަތް ކުރެއްވީ އެއީ ގާނޫނީ ގޮތުން އޭނާގެ ކޮނޑުގައި އެޅުނު މަސްއޫލިއްޔަތަކަށް ވާތީ ކަމަށް ސީޕީ އަރީފް ވިދާޅުވިއެވެ.

އަދި އެ ގާނޫނީ ވާޖިބު އަދާކުރުމުން މަގާމުން ވަކިކޮށް، ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތި ބޭއިންސާފުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާދަމާ ބޭއްވޭ ރިޔާސީ އިންތިޚާބުގައި ފުލުހުންގެ ގާނޫނީ އަދި ގައުމީ ވާޖިބު އަދާ ކުރެއްވުމަށާއި ގާނޫނާއި ޚިލާފު ނުވުމަށް އަރީފް ވަނީ ހުރިހާ ފުލުހުންނަށް އެދިވަޑައިގެންފައެވެ.