Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ދުވާލަކަށް 280،000 އަށްވުރެ ގިނަ ހަމަލާ އީސީގެ ސާވާއަށް ދެމުންދޭ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް

މީގެ ކުރިން ހިއްސާ ކުރައްވާފައި ނުވާ ވާހަކަ އެއް ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ސާވާ ހުއްޓުވާލުމަށް ދުވާލެއްގެ މައްޗަށް 280،000 އަށް ގިނަ ހަމަލާދެމުން ގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި މައުލޫމާތު ހާމަކޮށްފައި މިވަނީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެ ކޮމިޝަނުން މިހާރު ބާއްވާ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކު ސާވާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ ސިންގަޕޫރާއި ލަންކާގެ އައިޕީތަކަކުން ކަމަށާއި މަދު ހަމަލާތަކެއް ރާއްޖޭގެ އައިޕީތަކަކުންވެސް ދީފައިވާ ކަމަށެވެ.

ކޮމިޝަންގެ ސާވާއަށް ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވާ ބަޔަކަށް ވަދެވޭ ކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭގޮތުން ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވަނީ އެވާހަކަ ދޮގުކުރައްވާފަ އެވެ. އެގޮތުން ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް އިލެކްޝަންސް ކޮމިޝަންގެ ބޭރުން އެއްވެސް ފަރުދަކަށް ވިޔަސް، އެއްވެސް ޕާޓީއަކަށް ވިޔަސް އަދި ދައުލަތުގެ މުއައްސަސާއަކަށް ވިޔަސް ނުވަދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ދައުލަތުގެ އީގަވަރުމަންޓް ނިޒާމު ބަލަހައްޓަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށްވެސް ކޮމިޝަންގެ ސާވާގެ ތެރެއަށް ނުވަދެވޭނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑުމެންގެ ސާވާ ތަކަކީ ނަގައިގެން ކޮނޑުގައި ޖަހާލައިގެން ގެންދެވޭ ވަރަށް ވުރެ ބޮޑެތި އެއްޗެތި އިނގޭތޯ. ފޯކްލިފްޓެއް ވަރު އެއްޗެއް ގެންނަން ޖެހޭނެ އޭތި އުފުލަންވެސް އިނގޭތޯ. ކޮނޑުގައި ޖަހައިގެން ޔަގީނުންވެސް ނުދެވޭނެ އިނގޭތޯ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާވާގެ ތެރެއަށް އެއްވެސް ބަޔަކަށް ވަދެވި އެއްވެސް ނުރަނގަޅު މައުލޫމާތެއް އެހެން ފަރާތަކަށް ފޯރުކޮށްދެވިފައިވެސް ނުވާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސޯޝަލް މީޑިއާއާއި އާންމު މީޑިއާގައި އިންތިހާބާ މެދު ޝައްކު އުފެދޭ ގޮތަށް ކަންތައްތަކެއް ކުރެވޭ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީއާ ގާނޫނުތަކުގެ ބޭރުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

ސެކިއުރިޓީ ފީޗާ ތަކާއިބެހޭ ގޮތުން ޝަރީފް ވިދާޅުވީ ސެކިއުރިޓީ ފީޗާތައް އޮބްޒާވަރުންނާއި، މޮނީޓަރުންނަށް އެއްވެސް އިރެއްގައި ކިޔައެއް ނުދޭނަން ކަމަށާއި ނަމަވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ހިއްސާ ކުރެވިދާނެ ކަމަށެވެ.