Last Updated: June 12, 06:38
Friday, June 12, 2026
ރިޕޯޓް

ރިޔާސީ އިންތިޚާބުގެ އޮފިޝަލުންނަށް ރައްޔިތުންގެ ފަރާތުން ހުޅުވާލެވިފައިވާ ސިޓީއެއް!

ސެޕްޓެމްބަރު 7 2013 ގައި ބޭއްވި އިންތިހާބުގައި ފޭދޫ މީހަކު ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ އޮފިޝަލްއަށް،
ވެދުން ސަލާމަށްފަހު ލިޔަމެވެ.

ކުރިޔައް އޮތް ރިޔާސީ އިންތިޚާބުގައި އޮފިޝަލެއްގެ ޤައުމީ ވާޖިބު އަދާކުރުމުގެ ފުރުޞަތު ތިޔަފަރާތައް ލިބިފައިވާތީ މަރުޙަބާ ދަންނަވަމެވެ. ތިމާއާއި ޙަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތަކީ އަމާނާތެކެވެ. އަދި ތިމާގެ ކޮނޑުގައި އެޅޭ ޒިންމާއެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمنންނަށް މަންފާކުރާނޭ ކަމެކެވެ." (51:55) އެހެންކަމުން މި ރައްޔިތުމީހާ މި ސިޓީ މިލިޔަނީ ތިޔަފަރާތުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާ ހަނދާންކޮށްލަދީ މިކަމުގެ ސަބަބުން ތިޔަ ފަރާތައް ކުޑަނަމަވެސް މަންފާއެއް ކޮށްފާނެކަމުގެ އުއްމީދުގައެވެ. ތިރީގައި މި ބަޔާންކުރަނީ ތިޔަފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނު ނަންބަރު 2008/11 (އިންތިޙާބުތަކާބެހޭ ޢާއްމު ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 74 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތިޔަފަރާތުގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެވެ.

1. ވޯޓުކަރުދާސް ވިއްކުން، ނުވަތަ ޤާނޫނީގޮތުން ހުއްދަ ލިބިފައިނުވާ އެއްވެސް ފަރާތަކަށް ވޯޓުކަރުދާސް ދޫކުރުން ނުވަތަ ދިނުމަކީ ކުށެކެވެ.

2. ޤާނޫނުގައިވާ ގޮތެއްގެމަތިން މެނުވީ އިންތިޚާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ޕެކެޓެއް ނުވަތަ ފޮތެއް، ނުވަތަ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓުފޮށްޓެއް ނުވަތަ ސެކިއުރިޓީ އުރައެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބެލުމަކީ ކުށެކެވެ.

3. ޤާނޫނީގޮތުން ބެލެހެއްޓުން ލާޒިމްކުރާ މަޢުލޫމާތު ނެގުމުގައި، އެގިހުރެ ދޮގު ނުވަތަ ފުރިހަމަނޫން މަޢުލޫމާތު ނެގުމަކީ ކުށެކެވެ.

4. އެނގިހުރެ ޤަޞްދުގައި، ޞައްޙަ ވޯޓެއް ބާޠިލް ވޯޓަކަށް ގުނުން، ނުވަތަ ޞައްޙަ ވޯޓެއް ނުގުނައި ދޫކޮށްލުން، ނުވަތަ ބާޠިލު ވޯޓެއް ޞައްޙަ ވޯޓަކަށް ގުނުން، ނުވަތަ އެއް ކެންޑިޑޭޓަކަށް ދީފައިވާ ވޯޓު އަނެއް ކެންޑިޑޭޓެއްގެ ނަމުގައި ގުނުމަކީ ކުށެކެވެ.

5. ވޯޓުފޮށި ބަންދުކުރުމާ ޙަވާލުވެހުރި މީހަކު، ޤަޞްދުގައި ނުވަތަ އޭނާގެ އިހުމާލުން ވޯޓުފޮށި ބަންދުނުކޮށް ހުރުން، ނުވަތަ ވޯޓުނަގަން ފެށުމާއި ވޯޓުނަގާ ނިންމުމާ ދެމެދުގައި، ނުވަތަ ވޯޓުގުނަން ހަމަޖެހިފައިވާ ވަގުތުގެ ކުރިން ވޯޓުފޮށި ހުޅުވައި ވޯޓުތައް ބަލައި ހެދުން، ނުވަތަ ވޯޓު ބަދަލުކޮށް އުނިއިތުރުކޮށް ހެދުމާއި، ޤާނޫނާއި ޚިލާފަށް ވޯޓުނެގުން ހުއްޓާލުމަކީ ކުށެކެވެ.

6. މި ދެންނެވި ކުށްތަކުގެ އަދަބަކީ 3(ތިނެއް) އަހަރާއި 8(އަށެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 96,000 )ނުވަދިހަ ހަހާސް( ރުފިޔާއާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.

7. ވޯޓުލާ ސަރަޙައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓްގައިވާ ނަންތަކުގެ ތެރެއިން ނަމެއް މި ޤާނޫނާ ޚިލާފަށް ބަދަލުކޮށް، އެ ލިސްޓަށް އުނިއިތުރު ގެނައުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ 9(ނުވައެއް) މަސްދުވަހާއި 2( ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 24,000 (ސައުވީސްހާސް) ރުފިޔާއާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.

8. އެއްވެސް މީހަކު ވޯޓުދިނުމަށް ދަތިކުރުން، ނުވަތަ ވޯޓުދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ 4(ހަތަރެއް) މަސްދުވަހާއި 1(އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12,000 (ބާރަހާސް) ރުފިޔާއާ އަށްވުރެ ކުޑަނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.

9. ޤާނޫނު ނަމްބަރު 2008/11 ގެ 57 ވަނަ މާއްދާގެ (ހ) ގައި ވަނީ ވޯޓުލާ މަރުކަޒުގެ ވަގުތީ ނަތީޖާ ޝީޓުގައި ސޮއިކުރުމަށްފަހު ވަގުތުން އެމަރުކަޒުގައި އިޢުލާންކޮށް ޢާންމުކޮށް ފެންނަގޮތައް އެމަރުކަޒުގައި ބަހައްޓަންވާނެކަމަށެވެ. އަދި އެމާއްދާގެ (ށ) ގައި ބަޔާންކުރަނީ މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ނަތީޖާ ފޮނުވަންޖެހޭނީ އެތަނުގައި ނަތީޖާ އިޢުލާންކުރުމަށްފަހުގައެވެ.

10. އިލެކްޝަންސްގެ އޮފިޝަލުންގެ ތެރެއިން މީހަކު، އިންތިޚާބްތަކާބެހޭ ޤާނޫނުތަކާ ގަވާއިދުތަކާ ޚިލާފުކަމެއް ކުރުން. ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް އެއްވެސް ގޮތަކުން އެހީވުން، ނުވަތަ އެމީހެއްގެ ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން އެފަދަ ޢަމަލެއް ހިންގުމަށް މަގުފަހިވެއްޖެނަމަ އެމީހަކު ނުވަތަ އެބަޔަކު ކުށްވެރިވާނެއެވެ. މިކުށުގެ އަދަބަކީ 4(ހަތަރެއް) މަސްދުވަހާއި 1(އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12,000 (ބާރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.

ޤާނޫނާއި ޚިލާފް އަމުރުތަކަށް ތަބާނުވުމުގެ ޙައްޤު ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއިން ލިބިގެންވާއިރު ޤާނޫނާއި ޚިލާފަށް އެއްވެސްފަރާތަކުން ޢަމަލެއްކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކު އަމިއްލައަށެވެ. ތިޔަފަރާތާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިސްވެ ދެންނެވުނު ކަންކަމަށް ސަމާލުކަންދެއްވުމަށް މި ސަބަބުތަކަށްޓަކައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ތިފަރާތުން ނަގާފައިވާ ޒިއްމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ނަސޭޙަތްތެރިވަމެވެ.

22 ސެޕްޓެމްބަރ 2018