Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ނުކުރަން އީސީން އަންގައިފި

މާދަމާ އޮންނަ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް މިއަދު ހަވީރު 6 ގެ ފަހުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 44 ވަނަ މާއްދާއާއި އެއްގޮތަށް މިއަދު ހަވީރު 6:00 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަވާ ފަދަ ކަމެއް ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރަން އަންގާ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6 އިން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6 އާ ހަމައަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.

އެގޮތުން އަޑުގަދަ ކުރާ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ތާއީދު ހޯދަން މަސައްކަތް ކުރުމާއި ދުއްވާ އުޅަނދުތަކުގައި ވަކި ކެންޑިޑޭޓަކަށް ނިސްބަތްވާ ޕޯސްޓަރާއި ސްޓިކާ ފަދަ ތަކެތި ހަރު ކޮށްގެން ދުއްވުމަކީ ވެސް މަނާ ކަމެކެވެ.

ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިލްތިމާސްއާއި އެއްގޮތަށް އަމަލު ކުރެއްވުމަށް ކޮންމެ ރައްޔިތަކު އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ސަމާލުކަން ދެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.