ރިޔާސީ އިންތިހާބުގައި ވޯޓު ގުނާއިރު ކެންޑިޑޭޓްގެ ނަމާ ދިމާވާ ގޮތަށް ކޮންމެ ހިސާބަކު ރަނގަޅު ފާހަގައެއް ޖަހާފައިވީ ނަމަވެސް އެ ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ވޯޓްލާ ކަރުދާހުގައި ފާހަގަ ޖެހުމަށް ހާއްސަކޮށްފައިވާ ގޮޅީގެ ބޭރަށް ފާހަގަ ގޮސްފިނަމަ އެ ވޯޓު ބާތިލްވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ކޮންމެ ދިމާލެއްގައި ފާހަގަ އިނަސް، ގޮޅިން ބޭރުގައި އިނަސް، ފާހަގަޖަހާ ގޮޅީގައި އިނަސް، ނަން މަތީގައި އިނަސް، ލޯގޯގައި އިނަސް، އެއީ އެނަމާ ދިމާލަށް އިން ފާހަގައެއް ކަން ފާހަގަވާ ކަމަަށްވަންޔާ އަޅުގަނޑުމެން ކައުންޓް ކުރާނަން އެ ވޯޓެއް ކަމަށް. ބާތިލެއް ނުވާނެ އިނގޭތޯ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބާތިލް ވޯޓެއްގެ ގޮތުގައި ބެލިގެން ދާނީ ފާހަގަ ޖަހާފައިވާއިރު ފާހަގަ ޖަހާފައިވަނީ ކޮން ނަމަކާ ދިމާލުގައި ކަން ސާފު ނުވާނަމަ ނުވަތަ ޔަގީން ނުވާނަމަ ކަމަށެވެ. އަދި ޖަހާފައިވަނީ ރަނގަޅު ފާހަގައަކަށް ނުވާ ނަމަ ނުވަތަ ޖަހާފައިވަނީ ރަނގަޅު ފާހަގައެއް ކަމަށް ސުވާލު އުފެދޭނަމަ އެވޯޓެއް ވެސް ބާތިލްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑު ހަމަ ދަންނަވާލަފާނަން. އާންމު ގޮތެއްގައި ފާހަގަ ޖަހާނީ މިހެން ތިރިން މައްޗަށްތާ ޖަހާނީ ދެއްތޮ. ނުވަތަ މަތިން ތިރިއަށް ވެސް ޖަހާފާނެ. އަޅުގަނޑަކަށް ނޭނގޭ ދެން ޖަހާފާނެ. ޖަހާއިރުގައި ފެށިފައި އިންނަނީ ކެންޑިޑޭޓް ނަންބަރު ދޭއްގައި ފާހަގައަކުން ގޮސް އޭތި އަރާފައި މި އިންނަނީ ކެންޑިޑޭޓް ނަންބަރު އެކަކާ ހަމައަށް. އަރާފައި އިނަސް އެ ފާހަގަ ފެށިފައި އިންނަ ދިމާލަށް އަޅުގަނޑުމެން އޭތި ކައުންޓް ކުރާނީ އިނގޭތޯ. އެ ބޯ މި ފާހަގައިގެ ބަޅުވެފައި އިންނަ ދިމާލުން އިނދޭ ނޫންތޯ، އެ ދިމާލަށް. ދެން ރަނގަޅު ފާހަގައެއް ކަން ނޭނގޭ ކަމަށްވަންޔާމު ހަމައެކަނި މިހެން ލައިނެއް ޖަހާފައި އިނދެފިއްޔާމު އެއީ ރަނގަޅު ފާހަގައެއް ކަމަށް ނުބަލެވޭނެ އިނގޭތޯ." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓް ކަރުދާހުގައި ޖަހަންޖެހޭ ރަނގަޅު ފާހަަގައިގެ ބަދަލުގައި އެހެން ފާހަގައެއް ވޯޓު ކަރުދާހުގައި ޖަހައިފިނަމަ ނުވަތަ ލިޔެފިނަމަ ނުވަތަ އެއްޗެއް ކުރަހައިފިނަމަ އެ ވޯޓެއް ގުނާނީ ބާތިލް ވޯޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރަނގަޅު ދިމާލުގައި އެންމެންނަށްވެސް ޔަގީންވާ ގޮތަށް ރަނގަޅު ފާހަގަ ޖެހުމަށްފަހު އިތުރު އެއްޗެއް ކުރަހާފައި އޮތް ނަމަވެސް އެ ވޯޓެއް ސައްހަ ވޯޓުގެ ގޮތުގައި ގުނާނެ ކަމަށެވެ.
ވޯޓުލުމަށް ވަޑައިގެންނެވުމުގެ ކުރިން ކޮންމެ ރައްޔިތަކު ވެސް މިފަދަ މައުލޫމާތު ހޯއްދަވާ އަމިއްލަ ފަރުދީ ޒިންމާ އަދާކުރެއްވުން ވަރަށް މުހިއްމެވެ.