Last Updated: June 10, 11:53
Wednesday, June 10, 2026
ޚަބަރު

ފުރަތަމަ ދުވަހުން ފެށިގެންވެސް ޔާމީން ދީނީ ދަރުސް ދިނުމަށް ހުރަސްއެޅި: އިލްޔާސް

މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ދަރުސް ދިނުމަށް އިލްމުވެރިންނަށް ހުރަސް އަޅަމުން ދިޔަ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

މިއަދު ޝެއިޚް އިލްޔާސް މީޑިޔާއަށް މައުލޫމާތު ދެމުން ސަރުކާރުގެ ދީނާ ޚިލާފު ސިޔާސަތުތަކުގެ ތެރެއިން އެބޭފުޅާއަށް ފާހަގަކުރެވުނު ކަންތައްތައް ވިދާޅުވެފައިވެއެވެ.

އެގޮތުން ފުރަތަމަ ކަމަކީ ރައީސް ޔާމީން ރިޔާސީ ދައުރެއް ފެއްޓުމާއި އެކުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދީނީ ދަރުސް ދެއްވުމަށް ވަނީ ހުރަސް އަޅުއްވާފައި ވާކަނ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެކަމުގެ ދަލީލެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިގެން ދިޔައީ ދީނީ އިލްމުވެރިން ސްކޫލްތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގުމަށް ހުރަސް އެޅުމާއި، އަދި އެކަމާއި ގުޅިގެން ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އިލްމުވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައި އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި، އަދި އޭގެ އިތުރުން ތުނބުޅި ދިގުކުރި މީހުންނާއި މޫނު ބުުރުގާ އެޅި މީހުން ވަޒީފާއިން ވަކިކުރި"

ޝެއިޚް އިލްޔާސް ވިދާޅުވީ އެއީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ހަމަލޮލުން ފެންނަން ހުރި ކަންތައްތައް ކަމަށާއި މިއީ ހަގީގަތުގައި ވެސް ދީނީ ދައުވަތު ދިނުމަށް ހުރަސް އެޅިގެން ދިޔަ ކަންތައްތަކެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން މިއަދު ވަކި ބަޔަކު ނިކުމެ މިސަރުކާރަކީ ދީން ހިމާޔަތް ކުރަން އޮތް ސަރުކާރު ކަމަށް ވިދާޅުވަނީ ދަލީލެއް ނެތި ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެބޭފުޅުން ގެ ވާހަކަތަކަށް ބާރުދޭ ދަލީލެއް ގެނެސްފިނަމަ ޔާމީނަށް ވޯޓު ދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.