Last Updated: June 10, 11:53
Wednesday, June 10, 2026
ޚަބަރު

"ކީއްވެތޯ ފުލުހުން ސިހުރުގެ ތުހުމަތުތައް، ކޮރަޕްޝަންގެ ތުހުމަތުތައް ނުބަލަނީ؟"

ކެމްޕޭން ނިންމެވުމުގެ ގޮތުން އައްޑޫ ސިޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ޝެއިޚް އިލްޔާސް ވާހަކަ ދައްކަވަނީ

ދީނީ ގޮތުން މިސަރުކާރަށް ތާއީދު ނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެންމެންގެ ކުރިމަތީގައި، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ވާހަކަ ދައްކަވާފައިވާއިރު އެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ބަލާފައިނުވާކަން ހިމެނޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ކުރެވެނީ ވަރަށް ސީރިއަސް ތުހުމަތުތައް ކަމަށާއި އެއިން އެއްވެސް ކަމެއް ތަހުގީގު ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

އެގޮތުން، ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ޚަބަރުތަކަށް ބަލާލާއިރު ސިހުރު ހާހޫރައިގެ ކަންތައްތަކަކީ އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރެވިފައިވާ ކަމެއް، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށް ވިދާޅުވިއެވެ. އަދި އެފާފައިގެ ތެރެއަށް، ސިހުރު ހާހޫރަ ގަބޫލުކޮށް އެކަމުގެ ތެރެއަށް ވަދެފިނަމަ ކަނޑައެޅިގެން ދީނުން ބޭރުވާނެ ކަމަށް ހުރިހާ އިލްމުވެރިން ވަނީ އިއްތިފާގު ވެފައި ވާއިރު އެފަދަ ތުހުމަތެއް ކުރެވެމުން، ކަމާ ބެހޭ ފަރާތްތަކުން އެކަމުގެ ހަގީގަތް ހޯދަން މަސައްކަތް ނުކުރާތީ ކަންބޮޑުވާ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަނާ ޚިޔާނާތުގެ ވާހަކަ ރައީސް ޔާމީން އަމިއްލައަށް ވެސް ވިދާޅުވެފައިވާ ކަމަށާއި ތިމަންނަ ގެއަށް ވަންނަ ރުފިޔާއަކީ ހަލާލު ރުފިޔާ ނޫން ކަމާއި ބޮޑު ފައިސާއެއް ދީފިނަމަ ނުހިފާނީ ކިތައް ބޭފުޅުންތޯ މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި ދާދި ފަހުން ވެސް އެއްޗެއް ނުލިބިއްޖެނަމަ ކޮންމެ ގޮތަކުން ވެސް ހޯދަން ޖެހޭނެ ކަމަށް ބުނި އަޑު އިވިގެން ދިޔަ ކަމަށާއި ރަސޫލާ ޙަދީޘް ކުރައްވަނީ ހަރާމް ރުފިޔާއަކުން، ހަރާމް ތަކެތިން ކައިގެން ހެދިބޮޑުވާ މަސްގަނޑެއް ދުވަހަކުވެސް ސުވަރުގެ ނުވަންނާނެ ކަމަށާއި އެ ހަށިގަނޑު އައުލާކަން ބޮޑުވަނީ ނަރަކަ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ބަސްފުޅަށް ފާޑު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބޭރުކޮށްލާފައެވެ.