ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމް އިން މިރޭ އާންމުކުރި ސަރކިއުލާއެއްގައި ބުނެފައި ވަނީ މިއަދު ހަވީރު 18:00 ގެ ނިޔަލަށް ރިޔާސީ އިންތިޚާބުގެ ކެންޕެއިންކުރުމަށް ޤާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ހަމަވެފައިވުމާއެކު ވެސް، މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިޚާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ކަމަކީ ޤާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަމުން އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.
އެހެންކަމުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.
"އަދި ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ."، ބްރޯޑްކޮމް އިން ނެރުނު ސަރކިއުލަރ ގައި ވެއެވެ.