Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުން ދަރުބާރުގެއަށް

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި، އިންތިޚާބާބެހޭ މަރުކަޒުގައި ޤާއިމުކުރި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ، މިއަދުން ފެށިގެން ހިނގަމުންދާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައެވެ.އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބާ ގުޅިގެން މާލޭގައި ހުށަހަޅާ ޝަކުވާތައް މީގެފަހުން ހުށަހަޅަން ޖެހޭނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައި މިހާރު ޤާއިމު ކޮށްފައިވާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ދަރުބާރުގެއަށް ބަދަލުކުރީ ޝަކުވާ ހުށަހެޅުން ވީހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންތިހާބާ ބެހޭ ޝަކުވާތައް ހުށަހެޅުމަށް ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓެއް އަދި ކޮންމެ އަތޮޅެއްގައި ވެސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ވަނީ ގާއިމުކޮށްފަ އެވެ.

އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި މިއަދު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.