Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ވޯޓުލާން ފެށިގެން ގޮސްފައިވަނީ ރަނގަޅަށް: ޓްރާންސްޕޭރެންސީ

އައްޑޫގެ ވޯޓު ފޮއްޓަކަށް މީހަކު ވޯޓު އަޅަނީ، ފޮޓޯ: އައްޑޫލައިވް

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލާން ފެށިގެން ގޮސްފައިވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންޕޭރެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒުގެ ތެރެއިން %97 މަރުކަޒުގައި ހެނދުނު 08:30 ގައި ވޯޓުލާން ފަށާފައިވާއިރު، %66 ވޯޓުލާމަރުކަޒުގައި ވޯޓުލާންފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނިޓްފަހުން ކަމަށެވެ.

މި އިންތިހާބުގެ އޮބްޒާވު ކުރުމުގައި މާލެ އާއި އަތޮޅުތަކުގެ އިތުރުން ރިސޯޓުތަކުގައި 400 އެއްހާ އޮބްޒާރވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޓްރޭންސްޕޭރެންސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުން ގިނަ ވޯޓު މަރުކަޒު ތަކުގައި ހާޒިރުވެ ތިބި އިރު %70 ވޯޓު މަރުކަޒުތަކުގައި ދެ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބިކަމަށް ފާހަގަކޮށްފައިވެއެވެ.

މިއިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް %97 ޕަސެންޓު ވޯޓުލާ މަރުކަޒު ސަރަހައްދު ތަކުގައި ފުލުހުން ތިބިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވޯޓުލާ ފޮށިތަކުގެ %99 ފޮށިތައް ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށްކަމުގައި މި ޖަމިއްޔާގެ އޮބްޒަރވަރުން ވަނީ ފާހަކަކޮށްފައެވެ.