Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުންގެ ފޯސް އޮތީ ތައްޔާރަށް: ޕޮލިސް

ރިޔާސީ އިންތިހާބާ ގުޅިގެން ހިންގާފާނެ ހަމަނުޖެހުމަކަށް ފުލުހުންގެ ފޯސް އޮތީ ތައްޔާރަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑް އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންތިހާބާ ގުޅިގެން ހިންގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ. މި ފަދައިން ހާމަކޮށްފައި މިވަނީ މިއަދުގެ ވޯޓާ ގުޅުވައިގެން ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އިންތިހާބާ ގުޅިގެން ހިނގާފާނެ ކޮންމެ ކަމަށްވެސް ކުރިމަތިލުމަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށް ޝިފާން ވިދާޅުވިއެވެ. އެގޮތުން އެއްވެސް ހަމަނުޖެހުމެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ. އިންތިހާބާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރައްޔިތުންނަށް ލިބިގެންވާ ހައްގުގެ ބޭނުން ހިފުމަށް އެދިވަޑައިގަންނަވަމުން ޝިފާން ވަނީ ވޯޓުލާންދާ ކޮންމެ މީހަކަށްވެސް ސަލާމަތާ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމަށް ހާއްސަކޮށްގެން "އޮޕަރޭޝަން ބްލޫވޭވް"ގެ ނަމުގައި ފުލުހުން އިއްޔެ ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.