ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިރޭ ރާއްޖެ ގަޑިން 19:00 އަށް ލަސް ކުރުމުން އައްޑޫގެ ބައެއް ވޯޓުލާ މަރުކަޒުތައް ހުސްވެއްޖެއެވެ.
މުޅި ރާއްޖޭގެ ވޯޓުލީ މީހުންގެ އަދަދަށް ބަލާއިރު މިހާތަނަށް %42 މީހުން ވޯޓު ލާފައިވާއިރު މިއަހަރުގެ އިންތިޚާބުގައި ގިނަ ބަޔަކު ވަނީ ހެނދުނު ހެނދުނާ ވޯޓުލުމަށް ކިޔޫ ހަދާފައެވެ.
ނަމަވެސް ޓެބްލެޓު މެދުވެރިކޮށް ވޯޓުލާ މީހުން ބެލުމަށް ހަދައިގެން އެހެން އަހަރުތަކެކޭ ޚިލާފަށް ގިނަ އިރު ރައްޔިތުން ވަނީ ކިޔޫގައި ޖެހެން ޖެހިފައެވެ. އެންމެ ހޫނުގަދަވި އިރު އެތައް ބަޔަކު އަވީގައި ކިޔޫގައި ޖެހިގެން ވޯޓުލާފައިވާއިރު އަދިވެސް ގިނަ ބަޔަކު ވަނީ ވޯޓު ލާން ނުގޮހެވެ.
މިރޭ ހަތެއް ޖަހަންދެން ވޯޓު ލުން ކުރިއަށްދާތީ ގިނަ ބަޔަކު އިރު އޮއްސުމުން ވޯޓުލާން މަޑުކުރީ ކަމަށް ބެލެވެއެވެ. އައްޑޫ ސިޓީގެ މަރަދޫ، މަރަދޫ ފޭދޫގެ ބައެއް ވޯޓުލާ މަރުކަޒުތައް މިވަގުތަށް ވަނީ ހުސްވެފައެވެ.