Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އިއްތިހާދުގެ ކެންޑިޑޭޓް އިބޫ އިންތިޚާބު ކާމިޔާބުކުރައްވައިފި!

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް އަދާކުރައްވާ އިބޫ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ވާދަކުރައްވައި ބޮޑުތަނުން ކުރި ހޯއްދަވައިގެންނެވެ.

މި ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 472 ވޯޓު ފޮށި ބެހެއްޓިއިރު، އޭގެ ތެރެއިން މިހާތަނަށް ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ 442 ފޮށީގެއެވެ. އިބޫ ވަނީ އޭގެ ތެރެއިން ގިނަ ވޯޓު ފޮށީގެ މެޖޯރިޓީ ކާމިޔާބުކުރައްވާފަ އެވެ.

އެގޮތުން މިހާތަނަށް 120،000 އަށްވުރެ ގިނަ ވޯޓު އިބޫ އަށް ލިބިވަޑައިގެންފައިވާއިރު، ރައީސް ޔާމީން އަށް ލިބިވަޑައިގެންފައި ވަނީ ގާތްގަނޑަކަށް 85،000 ވޯޓެވެ.

ގާތްގަނޑަކަށް 34،000 ވޯޓުގެ ފަރަގެއް އުޅޭއިރު، ބާކީ ނުގުނި ހުރި ފޮށިތަކުގައި ހުންނާނީ ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 33،000 ވޯޓެވެ.

އެހެންކަމުން، މި އިންތިޚާބު ދެން ރައީސް ޔާމީން ކާމިޔާބުކުރައްވައި، ނަތީޖާ އަށް ބަދަލެއް އައުމަކީ ދުރު ކަމެކެވެ.