މި އިންތިޚާބުގައި ރައްޔިތުންގެ އަޑު އިއްވާފައިވާ ކަމަށާއި މިއީ ދިވެހި ރާއްޖެއަށް އުފާވެރިކަން ގެނެސްދީފައިވާ ރެއެއް ކަމަށް ރިޔާސީ އިންތިޚާބު 2018 ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިބޫއަށް އިންތިޚާބު ޔަގީން ކުރެވުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މިރާއްޖޭގައި އެންމެ ފުރަތަމަ ވެސް ކުރެވޭނެ ކަމަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުން ކަމަށެވެ.
އިބޫ ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށް މިއަދު ވޯޓު ދެއްވި ނަމަވެސް އެމަނިކުފާނު ވެވަޑައިގަންނަވާނީ ހުރިހާ ރައްޔިތުންގެ ރައީސްއަށް ކަމަށެވެ. އަދި ރާއްޖެ މިދަނީ ހެޔޮ ފާލަކަށް ކަމަށާއި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ގައުމުގެ ކުރިމަގު ހެޔޮ ގޮތުގައި ބިނާ ކޮށްދެއްވީތީ ޝުކުރު ދަންނަވާ ކަމަށް އިބޫ ވިދާޅުވިއެވެ.