މިއަހަރުގެ ރިޔާސީ އިންތިޚާބު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރުމާ ގުޅިގެން، އުފާ ފާޅުކުރުމަށް އެމްޑީޕީ ހަރުގެއަށް އިބޫ ވަޑައިގަތް ވަގުތުގައި ސަޕޯޓަރުން މާލޭގެ މަގުތައް ފުރާލައިފިއެވެ.
ކޯލިޝަނަށް މިލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެފައެވެ. އެގޮތުން މިރޭ އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު އަވަށުގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފައެވެ.
މިހާތަނަށް ނަތީޖާ އާންމުކުރި ވޯޓު ފޮށިތަކުން އިބޫ ވަނީ 120،000 އަށްވުރެ ގިނަ ވޯޓު ހޯދާފައެވެ. ރައީސް ޔާމީނަށް 88،000 ވޯޓު ލިބިފައިވާއިރު ބާކީ ތިބި ވޯޓު ފޮށިތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އިބޫއަށް ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑެވެ.
ސަރުކާރުގެ އިސް ބޭފުޅުން އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ނުފެށެނީސް ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައި ކަމަށް ވިދާޅުވެ ޓުވީޓު ކުރަމުން ގެންދެވި ނަމަވެސް އިންތިޚާބުގެ ނަތީޖާތައް އިއުލާން ކުރަން ފެށުނު ފަހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.