Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީން އަދިވެސް ބަލި ގަބޫލް ނުކުރައްވާ!

ރައީސް ޔާމީން ހަފްލާއެއްގެ ތެރޭގައި، ފޮޓޯ: ޓްވިޓަރ

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ބޮޑުތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާފައިވާ އިރު އަދިވެސް ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރެއްވިކަން އިއްލާން ކުރައްވާފައި ނުވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން އިބޫއަށް 133،126 ވޯޓު ލިބިވަޑައިގެންފައިވާ އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވަނީ 95،195 ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު 37،931 ވޯޓު އިތުރަށް ހޯއްދަވައި %58.3 އިން އިބޫ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

މީގެ ކުރީގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއްލާން ކުރެވުމާއި އެކު ބަލި ގަބޫލް ކުރައްވާކަން ކެންޑިޑޭޓުން އިއްލާން ކުރައްވާފައިވެއެވެ. އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ހާމަވުމާއި އެކު އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބަލި ގަބޫލް ކުރައްވައި އޭރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ވަނީ މަރުހަބާ ކިޔާފައެވެ.

އަދި 2013ގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއްލާން ނުކުރަނީސް އިންތިހާބު ނާކާމިޔާބުވިކަން ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު އިއްލާން ކުރެއްވި އެވެ.

ނަމަވެސް އަދި މިހާތަނަށް ރައީސް ޔާމީން މިފަދައިން އަމަލު ކުރައްވާފައި ނުވެއެވެ. ނަމަވެސް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ފަސޭހައިން ބަލި ގަބޫލް ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ.