Last Updated: June 10, 10:47
Wednesday, June 10, 2026
ޚަބަރު

މިއަދަކީ އާ ދުވަހެއް، ހުޅުވުނީ އާ ސޮފްހާއެއް: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަލިވެވަޑައިގަތުމުން އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ފިޝަރީޒް މިނިސްޓަރ، ޑރ. މުހައްމަދު ޝައިނީ ބަލި ޤަބޫލުކުރައްވައިފިއެވެ.

ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އާދުވަހެއް ކަމަށާއި ދިވެހި ގައުމަށް މިހުޅުވުނީ އާ ސޮފްހާއެއް ކަމަށެވެ. އަދި މާތް ﷲ މިގައުމަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އެންމެ ރައްޔިތުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރާ ހާލު ދިވެހި ގައުމު އަބަދުވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ލަހައްޓަވާނދެން ދުވާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްއަށް މަރުހަބާ ދަންނަވާފައެއް ނުވެއެވެ.

މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން މިހާތަނަށް ބަލި ގަބޫލުކުރައްވައި މިފަދަ ބަހެއް ވިދާޅުވެފައިވަނީ ޝައިނީ އެކަންޏެވެ. ރައީސް ޔާމީން ވެސް އަދިވެސް ބަލި ގަބޫލުކުރައްވާފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.