Last Updated: June 10, 11:04
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމް ތެރޭގައި ބައިބައިވުން، ރިޔާޒު ރަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް!

ރިޔާސީ އިންތިޚާބު 2018 ބޮޑުތަނުން ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވުމާ ގުޅިގެން ޕީޕީއެމް ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ހިމެނޭ އޭދަފުށި ދާއިރާގެ މެމްބަރު އަދުމަދު ސަލީމް(ރެޑްވޭވް) ވަނީ އިންތިޚާބުގެ ނަތީޖާ އިން ރައީސް ޔާމީން ބަލިވެފައިވާކަން އިއުލާން ނުކުރަނީސް ލީޑަޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވާފައެވެ.

އަދި މިއަދު އެޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ ފާޑުކިޔުންތައް ވެސް، ހަމަ އެޕާޓީގެ ލީޑާޝިޕަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

އޮންލައިން ނޫސް "މިހާރު" އަށް ރިޔާޒް ރަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުން ރައީސް ޔާމީން ބަލިވެފައިވަނީ ލީޑަޝިޕަށް ގެންނެވި ގޮތް ނޭނގޭ، އިޚުލާސްތެރިކަމެއް ނެތް ބަޔެއްގެ ސަބަބުން ކަމަށެވެ.

އަދި އެބޭފުޅުން މިނާކާމިޔާބީގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވިއެވެ. އޭނާ ވަނީ ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަނެފައިވާ ކަމަށާއި ކާމިޔާބު ހޯއްދެވި އިބޫއާއި ފައިސަލްއަށް މަރުހަބާ ދަންނަވާފައެވެ.