Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޔާމީން ބަލި ގަބޫލު ކުރި ވާހަކަތައް ބޭރު މީޑިއާތަކުގެ ފަލަ ސުރުހީއަށް!

ރައީސް ޔާމީން ނޫސް ކޮންފަރެންސަށް ފަހު ވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށް ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރެެއްވި ވާހަކަ ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފިއެވެ.

ޔާމީން ބަލި ގަބޫލް ކުރެއްވިކަން އިއްލާންކޮށްފައިވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަނުން ހާމަ ކުރިތާ 5 ގަޑިއިރު ފަހުން ރައީސް އޮފީހުގައި ބޭއްވި ލައިވް އިވެންޓެއްގައެވެ.

އަލްޖަޒީރާ ފަދަ ބޮޑެތި މީޑިއާތަކުން ރައީސް ޔާމީން ބަލި ގަބޫލްކުރެއްވިކަން ރިޕޯޓުކޮށްފައިވާ އިރު ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީ ކަރަޕްޝަނާއި ރައީސް ޔާމީނާއި ގުޅުންވާ ކަމަށްބުނެ އަލްޖަޒީރާއިން ވަނީ އިންވެސްޓިގޭޓިވް ރިޕޯޓެއް ގެނެސްދީފައެވެ.

"ސްޓީލިން ޕެރަޑައިސް" ނަމުގައި ގެނެސްދިން މި ޑޮކިއުމެންޓްރީގައި އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތުން ހޯދަން އިއްލާންކޮށްފައިވާ މީހުންގެ އިންޓަވިއު ގެނެސްދީފައިވެއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ބަލި ގަބޫލް ކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވީ އެމަނިކުފާނު ވަނީ ވެރިކަމުގެ ފަސް އަހަރު މިރާއްޖެ އިގްތިސޯދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.