މި ސަރުކާރުގެ ވެރިކަމުގައި އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ ކުށްވެރިން މިނިވަން ކުރުމުގެ މަސައްކަތް އިދިކޮޅު ވަކީލުން ފަށައިފި އެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޖަލު ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް މިނިވަންކުރުމުގެ އަމުރަކަށް އދި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
އެގޮތުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫން އާއި މެމްބަރު ފާރިސް ކޯޓަށް ހާޒިރުކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޤާނޫނު ތަންފީޒްކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ ސާބިތުވެ، 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް މިނިވަންކުރުމަށް އެދި މީގެ ކުރިން ހުށަހަޅާފައިވާއިރު، ރިޔާޒު ވަނީ މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން އަންގާފައިވާ އެމީހުންގެ ވަކީލުން ވެސް ވަނީ މިއަދު ބުނެފައެވެ.