އޭނާ ދޫކޮށްލެއްވުމުގެ ކުރިން އެކި އެކި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން މިނިވަންކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެދިވަޑައިގެންފި އެވެ.
މަހުލޫފް މިގޮތަށް އެދިވަޑައިގެންފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Alhugandu dhookollumuge kurin, Kolamaafushin hayyarukuri 15 hivvarugadha zuvaanun, MDP Villingili dhairaage Naib Raees Ameez Hassan, Najuma,Azumee,SO Officer adhi siyaasee gothun hayyaru koffavaa enmehaa rayyithun dhookolladhevvaa.
— Ahmed Mahloof (@AhmedMahloof) September 24, 2018
އެ ޓްވީޓްގައި މަހުލޫފް ވަނީ އޭނާ ދޫކޮށްލެއްވުމުގެ ކުރިން އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒު ހަސަން އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ އަދި ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުން ދޫކޮށްލަދެއްވުމަށް ގޮވާލައްވާފަ އެވެ.
"އަދި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އެންމެހާ ރައްޔިތުން ދޫކޮށްލަދެއްވާ"، މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ޝަރީޢަތް ނިމެންދެން މަހުލޫފް ހުންނެވީ ގޭބަންދުގަ އެވެ.
މަހުލޫފް މިއަދު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަންކުމުގެ އަމުރަކަށް އެދި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް މިނިވަންކުރުމަށް އެދި މީގެ ކުރިން ހުށަހަޅާފައިވާއިރު، ރިޔާޒު ވަނީ މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން އަންގާފައިވާ އެމީހުންގެ ވަކީލުން ވެސް ވަނީ މިއަދު ބުނެފައެވެ.