އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރުމުގެ އެންމެ ފަހުވަގުތާ ހަމައަށް ވެސް ހީކޮށްގެން ތިބީ، އިންތިޚާބު ކާމިޔާބުވާނެ ކަމަށްކަން ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށް ތައްޔާރުވީ ވަރަށް ފުރިހަމައަށް ކަމަށާއި އެހެންކަމުން އިންތިޚާބުން ކާމިޔާބުވާނެ ޔަޤީންކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޮތް ކަމަށެވެ.
އަދުރޭ ވިދާޅުވީ މި ފަހަރުގެ އިންތިޚާބަކީ މިހާތަނަށް ވެސް ރާއްޖޭގައި ބޭއްވި އެންމެ ފުރިހަމަ ރިޔާސީ އިންތިޚާބު ކަމަށާއި، އިންތިޚާބުގެ ނަތީޖާ ޕީޕީއެމް އިން ޤަބޫލުކޮށްފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫން އާއެކު ވަޑައިގެން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 25% ވޯޓު ކަމަށާއި، މި އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީން އެކަނި ވާދަކުރައްވައިގެން .41% ވޯޓު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ ބަލި ދިފާޢުކުރާކަށް ނޫން. އެހެންނަމަވެސް އެވަރު އެވީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ވަރަށް ގިނަ ރައްޔިތުންތަކެއް ތިބީމަ. އެހެންވީމަ އެ ރައްޔިތުން އެ ކުރެއްވި މަސައްކަތް ޤަބޫލުކުރުމުގެ ގޮތުން އަޅުގަނޑު މި ވާހަކަ މި ދެންނެވީ"، އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމެއްގައި ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް އޮންނާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށާއި، ސަރުކާރުން ކުރާ އިޚްލާސްތެރި ހުރިހާ މަސައްކަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާއި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގެންނެވި އެވެ.