Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އިލްހާމް ވެސް ކޯޓަށް ހާޒިރުކޮށްފި

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު: ފޮޓޯ - އަވަސް

ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

އިލްހާމް ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެނގިފައިވާ ގޮތުގައި އިލްހާމް މިއަދު ކޯޓަށް ހާޒިރުކުރީ އޭނާ ބަންދުން މިނިވަން ކުރުމަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އިލްހާމް ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެއީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ.

އިލްހާމް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ކޯޓަށް ހާޒިރުކޮށް ޝަރީޢަތުގެ އަޑުއެހުން ކުރިއަށް އެބަ ގެންދެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަންކުމުގެ އަމުރަކަށް އެދި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން އަންގާފައިވާ އެމީހުންގެ ވަކީލުން ވެސް ވަނީ މިއަދު ބުނެފައެވެ.

ޖަލަށް ލާފައިވާ ސިޔާސީ ކުށްވެރިންގެ އާއިލާތަކާއި، ވަކީލުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ކްރޮމިނަލް ކޯޓު ސަރަޙައްދަށް ޖަމާވާން ފަށާފައެވެ.