ނިމިގެންދިޔަ ރިޔާސީ އިންތިޚާބު 2018 ގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މުޅި އައްޑޫ ސިޓީގައި ބޮޑު ވެހިކަލް ބުރެއް ބާއްވައިފި އެވެ.
އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވެސް މި ވެހިކަލް ބުރު ކުރިއަށްގެންގޮސްފައި ވާއިރު، ގުޅިފައިވާ ހަތަރު ރަށުގެ ބުރު ފެށީ ހިތަދޫ އެމްޑީޕީ ހަރުގެ އިންނެވެ. އަދި ހުޅުމީދޫ ބުރު ފެށީ މީދޫ ހަރުގެއިންނެވެ.
މިއަދު ހަވީރު އައްޑޫގައި ކުރިއަށްގެންދިޔަ މި ވެހިކަލް ބުރުގައި އެތައް ހާސް ރައްޔިތުންނެއް ވަނީ ބައިވެރިވެ، ކާމިޔާބީގެ އުފާ ފާޅުކޮށްފަ އެވެ.
އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވަނީ އިއްތިހާދުގެ ކާމިޔާބީ ފާހަގަކޮށް، އުފާ ފާޅުކުރުމަށްޓަކައި ވެހިކަލް ބުރުތައް ބާއްވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބުކުރެއްވީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ.
އެގޮތުން އިންތިޚާބުގައި 134،616 ރައްޔިތުންގެ ވޯޓާއެކު 57.56%ގެ މެޖޯރިޓީއެއް އިބޫ ހޯއްދެވިއިރު، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް ޔާމީން އަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގެންނެވީ 96،132 ވޯޓާއެކު 41.1% އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 262،135 މީހުންނަށް ލިބިގެންވީއިރު، ވޯޓު ލާފައި ވަނީ 233،877 މީހުންނެވެ.