Last Updated: June 24, 13:53
Tuesday, June 24, 2025
ޚަބަރު

ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފި

ފޮޓޯ: މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައި ވަނީ ބަންދާމެދު ގޮތެއް ނިންމުމަށެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ކްރިމިނަލް ކޯޓް ސަރަޙައްދަށް ވަޑައިގެންފަ އެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައި މިވަނީ އެމަނިކުފާނާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކޮށްދިނުމަށް ވަކީލުން މިއަދު އަނެއްކާވެސް ކްރިމިނަލް ކޯޓު އަދި ހައި ކޯޓުގައި އެދިފައި ވަނިކޮށެވެ.

އެގޮތުން ފާރިސް އާއި ނަދީމް ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު މައުމޫނާއި ނަދީމް ހައްޔަރުކޮށްފައިވާއިރު މައުމޫންގެ މައްޗަށް ވަނީ ތަހުގީގަށް ފޯނު ނުދިން މައްސަލަ ސާބިތުވެ 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފާރިސް ޖަލުގައި ބަންދުކޮށްފައިވާއިރު ފާރިސްގެ މައްޗަށް ރިޝްވަތު ހުށައެޅުމާއި ރިޝްވަތު ހިފުމުގެ ތުހުމަތު އެކި ފަހަރު މަތިން ކޮށްފައިވި ނަމަވެސް މިހާތަނަށް ފާރިސްގެ މައްޗަށް އެއިން އެއްވެސް ކުށެއް ސާބިތު ވެފައެއް ނުވެއެވެ.