ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ނިމިގެންދާއިރު، އެމަނިކުފާނު ޤައުމަށްޓަކައި ދޫކުރައްވާފައި ގެންދަވާ އެއްޗަކީ ދަރަނިވެރިވެފައި އޮތް ބްރިޖެއްތޯ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލުކުރައްވައިފި އެވެ.
ރިޔާޒް މިމޭރުމުން ސުވާލުކުރައްވާފައި ވަނީ ޖަލު ބަންދުން މިނިވަންވެ، ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ކޯޓު ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރިޔާޒު ވިދާޅުވީ އެމީހަކު ބޭނުންވާހާ ގޮތަކަށް ކަންތައް ނުވާނެ ކަމަށާއި، މީހުންނަށް އަނިޔާވެރިވެގެން ކަމެއް ކާމިޔާބު ނުވާނެ ކަމަށެވެ.
"އެމަނިކުފާނުގެ ލެގަސީ މި ގައުމަށް ދޫކޮށްލާފައިވާ އެއްޗަކީ ބްރިޖުތޯ؟ ދަރަނިވެރިވެފައި އޮތް ބުރިޖެއްތޯ އެބޭފުޅާގެ ލެގަސީއަކީ. މީހުން މިއަދު ދަންނަނީ އަނިޔާވެރިއެެއްގެ ގޮތުގައި. މީހުން ދަންނަނީ ކޮރަޕްޝަަނާއި ވައްކަމުގެ ތުހުމަތު އެޅުވިފައި އޮތް މީހެއްގެ ގޮތުގައި. އެއީ އެ ލެގަސީއަކީ". ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އެއްވެސް ކުށަކާއި ނުލައި ބަންދުކޮށްފައި ހުރި ހުރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. ކާނަލް ނާޒިމްގެ މައްޗަށް އައި ޖަލު ޙުކުމަކީ ވެސް ޙައްޤު ނޫން ޙުކުމެއްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އަދި ވީހާވެސް އަވަހަކަށް އެފަދަ މައްސަލަތައް ރިވިއުކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާޒު ވަނީ އޭނާ މިނިވަންކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވާފަ އެވެ.