ރައީސް އަބްދުﷲ ޔާމީން އެއްވެސް ބޭފުޅަކަށް އަދަބު ލުއިކޮށްދެއްވަން ބޭނުންފުޅުވާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ބަންދުން މިނިވަންވުމަށްފަހު ކްރިމިނަލް ކޯޓް ބޭރުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން ވެސް މިނިވަންކުރައްވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށެވެ.
ރިޔާޒު ވިދާޅުވީ ސިޔާސީ ކުށްވެރިން މިނިވަންކުރަނީ އިބޫގެ ވައުދުފުޅުތަކުގެ ތެރެއިން ކަމަށާއި، އެއީ ރައީސް ޔާމީންގެ ހެޔޮފުޅުކަމުގެ ތެރެއިން ދެއްވި ލުޔެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުންމީދުކޮށްގެން ހުރީ ހަޤީޤަތުގައި ނޮވެމްބަރު 17 ގައި ކަމަށް ދޫވާނީ. އެހެންނަމަވެސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕްލެޖު (ވައުދު) މިއަށްވުރެ މާ އަވަހަށް މިއައީ، އެހެންނޫންތޯ؟ އަޅުގަނޑުމެންގެ އަޚް، މެމްބަރު އައިބީ ބުނާހެން ރޮކެޓް ސްޕީޑްގަ ޕްލެޖު ހާސިލްކޮށްދެއްވާ ހިސާބުގަ މިދިޔައީ. އެހެންވީމަ އަޅުގަނޑު އެއްވެސް ހާލެއްގަ ނުދެކެން މިއީ ރައީސް ޔާމީންގެ ހެޔޮފުޅުކަމުން އަޅުގަނޑުމެންނަށް ކޮށްދިން ކަމެއްގެ ގޮތުގައި"، ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އޭނާ މިނިވަންވީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ވަކީލުން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
އަދި ރިޔާޒު ވަނީ އޭނާގެ އުފަން ރަށް. ތިމަރަފުށީގެ ތިން ވޯޓު ފޮށިން ވެސް އިބޫ އަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓު ދިނީތީ އެރަށުގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފަ އެވެ.
މީގެ އިތުރުން ރިޔާޒު ވަނީ ކިނބިދޫ ދާއިރާގެ ހުރިހާ ރަށަކަށް ވަކި ވަކިން ސިޓީ ފޮނުއްވި ކަމަށާއި، އެ ސިޓީގައި އޭނާ ކުރެއްވި އާދޭހުގެ އަޑު އައްސަވާ ކިނބިދޫގެ މެޖޯރިޓީ ވެސް އިބޫ އަށް ދެއްވީތީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.