ސ. ފޭދޫގައި ހުރި އެސްޓީއޯ 123 ނަންބަރު ފިހާރަ ކައުންސިލުން ނެގުމަށް ފަހު ފޭދޫ ލިންކް ރޯޑުން ސަރަހައްދުން ލިބުނު ބިމުގައި އަޅާނީ ގިނަކަން ކަމަށް ބޭނުން ކުރެވޭނެ ރީތި ބޮޑު އިމާރާތެއް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދް އަލީ (ޝާޑް) "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ފޭދޫން ލިބުނު ބިމުގައި އިމާރާތެއް ކުރުމަށް އެސްޓިއޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އަދި ބޯޑުން ނިންމާފައި ވަނީ ގިނަ ކަންކަމަށް ބޭނުން ކުރެވޭނެ ބޮޑު އިމާރާތެއް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިންކް ރޯޑް ވީމަ އެއީ ވަރަށް މުހިއްމު ލޮކޭޝަނެއް. އެތަނުގައި އިމާރާތެއް ހަދާ އިރު ވިސްނަން ޖެހޭނެ އެތަނުގެ ރީތި ކަމަށް އަދި އެތަން އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތަކަށް ޑިޒައިން ކުރަން. އެގޮތަށް ބޯޑުގެ ވިސްނުން ހުރީ،" ޝާޑް ވިދާޅުވި އެވެ.
ޝާޑް ވިދާޅުވީ ފޭދޫގައި ހަދާނީ ތިން ބުރި ނޫނީ ހަތަރު ބުރީގެ ރީތި އިމާރާތެއް ކަމަށެވެ. އެގޮތުން އެންމެ ތިރި ހާއްސަ ވާނީ ފިހާރައެއް ގޮތަށެވެ.
އަދި ބާކީ ހުރި ފަންގިފިލާތަކުގައި އޮފީސް ސްޕޭސް ގޮތަށް ކުއްޔަށް ދޫކުރާގޮތަށް ކަމަށެވެ. ނަމަވެސް މުޅި ޕްލޭން އަދި ފައިނަލްކޮށްފައި ނުވާ ކަމަށް ޝާޑް ވިދާޅުވި އެވެ.
އެސްޓީއޯ އިން ހުޅުމީދޫގައި ހެދި ހަތަރު ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯ އެސްޓީއޯ އިން ބޭނުން ކުރަމުން އަންނަ އިރު ދެވަނަ ވަނަ ފަންގިފިލާ އައްޑޫ ސިޓީ ކައުންސިލުން ވަނީ ނަގާފަ އެވެ.
އަދި އެންމެ މަތީ ދެ ފްލޯ ވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓް ހިންގުމަށް ވަނީ ކުއްޔަށް ދީފަ އެވެ.