ކުރީގެ ކަމިޝްނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
މި ހަތަރު ބޭފުޅުން ބަންދުގައި ބަހައްޓަން އިތުރު ސަަބަބެއް ނެތް ކަމަށް ބުނެ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ޕީޖީ އިން ޝަރީޢަތަށް ހުށަހެޅިއިރު، ކްރިމިނަލް ކޯޓުން ނަދީމް އާއި އިލްހާމްގެ އިތުރުން ސިނާން އަދި އަރީފް މިނިވަން ކުރުމަށް އަމުރުކުރީ އެ ސިޓީއަކަށް ރިޢާޔަތްކޮށްފަ އެވެ.
ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ހައި ކޯޓުގެ ރަޖިސްޓްރާ ހަސަން ސައީދު، ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެ ބޭފުޅުންގެ ޖަލު ޙުކުމާއި ގުޅޭގޮތުން މިރޭގެ އަޑު އެހުމުގައި އެބޭފުޅުންގެ މައްސަލަ މުރާޖާ ކުރެވެން ނެތް ކަމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުންނަށް އިއްވަވާފައިވާ ޙުކުމް މާދަމާ ހައި ކޯޓުގައި މުރާޖާ ކުރެވޭނެ އެވެ.
ބަންދުގައި ވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްސަލަ ވެސް މާދަމާ ކޯޓުން މުރާޖާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.