އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) ބޮލީވުޑަށް އެނބުރި އަންނާނެ ވަގުތަކަށް އެތައް ބަޔަކު އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.
އަބިޝެެކް ބައްޗަން އާ ކައިވެނިކޮށް 2011 ވަަނަ އަހަރު ދަރިއަކު ލިބުމާ ގުޅިގެން އޭޝް ވަނީ ފިލްމް ކުޅުމާ ދުރަށް ގޮސްފަ އެވެ. އެހެން ނަމަވެސް އޭނާ ހަށިގަނޑު ފިޓް ކުރުމަށް ފަހު، އެނބުރި އަލުން ސްކްރީނަށް އަންނަން ތައްޔާރުވަމުން އަންނަ ވާހަކައަކީ މީޑިއާތަކުގައި ހުއްޓުމެއް ނެތި ދެކެވެމުން އަންނަ ވާހަކަތެކެވެ.
އެގޮތުން މިހާރު އިވޭ އަޑަކީ މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ (އަދީ) ގެ އާ ފިލްމަށް އޭޝް ސޮއި ކުރި ކަމަށް ބުނާ ވާހަކަ އެވެ. އޭޝް މީގެ ކުރިން ވަނީ 2000 ވަނަ އަހަރު އަދީ ޑައިރެކްޓް ކުރި "މުހަައްބަތޭން" ގައި ކުޑަ ރޯލެއް އަދާކޮށްފަ އެވެ.
މި ވާހަކަ އެއްވެސް ފަރާތަކުން ރަސްމީކޮށް އަދި ކަށަަވަރުކޮށް ދީފައި ނުވާ އިރު، އިވޭ އަޑުތަކުން އެ ފިލްމްގައި އޭޝްގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރާ އެވެ.
މި ވާހަކަތަކާ އެކު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އަދީ މި ފަހަރު ވެސް އުފައްދަން އުޅެނީ އުމުރުގައި ބޮޑު ތަފާތެެއް ހުރި ދެ މީހެެއްގެ ހަޔާތާ ބެހޭ ފިލްމެއްތޯ އެވެ.
އޭނާ އެންމެ ފަހުން ގެނެސް ދިން 2008 ގެ ކާމިޔާބް ފިލްމް "ރަބްނެ ބަނާދީ ޖޯޅީ" ގައި ކިޔައި ދެނީ ދޮށީ އުމުރުގެ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖަކާ ކައިވެނި ކުރުމަށް ފަހު، އަންހެން ކުއްޖާގެ ހިތް އަތުލުމަށްޓަކައި ފިރިމީހާ ކުރާ މަަަސައްކަތެވެ.
އަދީގެ އާ ފިލްމަށް 39 އަހަރުގެ އޭޝް އާއި އުމުރުން 30 އަހަރުގެ ރަންބީރު ސޮއި ކުރި ކަމަށް ދެކެވޭ ވާހަކަތަކާ އެކު، އެ ފިލްމްގެ ޕްލޮޓާ ބެހޭ ގޮތުން އަންނަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. އެހެން ނަމަވެސް އަދި މިއީ ކިހާ ވަރެެއްގެ ހަގީގަތެއް އޮތް ވާހަކައެއްތޯ ޔަގީންވަންދެން މަޑުކޮށްލަން ޖެހެ އެވެ.
ރަންބީރު ފަދަ ޒުވާން އެކްޓަރަކާ އެކު އޭޝް ފިލްމެއް ކުޅެން އެއްބަސްވެފައިވާ ކަމަށް ބުނާ އިރު "އެޖެންޓް ވިނޯދް" ޑައިރެކްޓަރު ސްރީރާމް ރަގަވަންގެ "ހެޕީ ބާތު ޑޭ" އަަށް އޭޝް އާއި "ސްޓޫޑަންޓް އޮފް ދި ޔެއާ" ބޮލީވުޑަށް ތައާރަފްވި އުމުރުން 26 އަހަރުގެ ޒުވާން އެކްޓަރު ވަރޫން ދަވާން ސޮއިކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން އޭޝް ވަނީ އޭނާ އަށް ވުރެ އުމުރުން ހަގު ޒައިދް ހާނާ އެކު ފިލްމް "ޝަބްދް" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ފިލްމްގައި ސަންޖޭ ދަތު ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ. އަދި ހަގީގީ ދިރިއުޅުމަށް ބަލާ އިރު ފިރީމީހާ އަބިޝެކް ވެސް އޭޝް އަށް ވުރެ ތިން އަހަރު ހަގެވެ.
އެ ފިލްމަކީ މީގެ އަހަރުތަކެއް ކުރިން އޭޝް އާއި ޖޯން އަބްރަހަމް ހިމަަނައިގެން ސްރީރާމް ގެނެސް ދޭން ޕްލޭން ކުރި ފިލްމެކެވެ.
އަނެެއްކޮޅުން ރަންބީރަށް ބަލާ އިރު އޭނާ ވެސް ވަނީ އޭނާ އަށް ވުރެ އުމުރުން ދޮށި ބަތަލާއަކާ އެކު މީގެ ކުރިން މަސައްކަތްކޮށްފަ އެވެ. އެގޮތުން 33 އަހަރުގެ ކޮންކަނާ ސެން ޝަރްމާ އާ އެކު ރަންބީރު "ވޭކް އަޕް ސިދް" ގައި މަސައްކަތްކޮށްފައިވެ އެވެ.