Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

މައުމޫނާއި ދެ ފަނޑިޔާރުން އަނބުރާ ޖަލަށް!

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ރައީސް މައުމޫންގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު، ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ބަންދާމެދު ގޮތެއް ނުނިންމައި ކްރިމިނަލް ކޯޓުގެ މިރޭގެ އަޑުއެހުން ނިންމާލައިފި އެވެ.

މިރޭ ބޭއްވި ކްރިމިނަލް ކޯޓުގެ އަޑު އެހުމުގައި އެބޭފުޅުންގެ މައްސަލަ މުރާޖާ ކުރެވެން ނެތް ކަމަށް ކޯޓުން ވަނީ އަންގާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުންނަށް އިއްވަވާފައިވާ ޙުކުމް މާދަމާ ހައި ކޯޓުގައި މުރާޖާ ކުރެވޭނެ އެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމުގެ އިރުކޮޅެއް ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ.

އެހެންނަމަވެސް ޝަރީޢަތް ލަސްވުމާއި ގުޅިގެން އެ ދެ ބޭކަނބަލުން ވަނީ އެނބުރި ގެކޮޅަށް ވަޑައިގެންފަ އެވެ.

ބަންދުގައި ވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްސަލަ ވެސް މާދަމާ ކޯޓުން މުރާޖާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

އިންތިޚާބީ ރައީސް، ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ދަންނަވާފައެވެ.

އެގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި، ކުރީގެ ކަމިޝްނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިރޭ އަމުރުކޮށްފަ އެވެ.