Last Updated: June 10, 11:04
Wednesday, June 10, 2026
ކުޅިވަރު

ފީފާ "ދަ ބެސްޓު" މިފަހަރު މޮޑްރިޗްއަށް

ރޭ ބޭއްވުނު ފީފާ "ދަ ބެސްޓް" އެވޯޑުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި، އަދި ކްރޮއޭޝިޔާއާއެކު ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ލޫކާ މޮޑްރިޗް ހޯދައިފިއެވެ.

މިއީ މި އެވޯޑު ތައާރަފް ކުރި ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކު މިއެވޯޑު ހޯދި ފުރަތަމަ ފަހަރެވެ. މޮޑްރިޗް ވަނީ ކްރިސްޓިއާނޯ ބަލިކޮށް ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ.

ރޮނާލްޑޯ ވަނީ ޔުއެފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަފްލާއެކޭ އެއްފަދައިން ރޭގެ ހަފްލާ ވެސް ބޮއިކޮޓް ކޮށްފައެވެ. ރޮނާލްޑޯގެ އެޖެންޓު ވަނީ ޔުއެފާ އެވޯޑު އޭނާއަށް ނުލިބުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެކަން ގަބޫލުނުކުރެވޭނެ ކަމަށް ބުނެފައެވެ.

ރޭގެ އެވޯޑު ހަފުލާގައި ފީފާގެ 'ދަ ބެސްޓް ވިމެންސް ޕްލެޔާ' އަށް ހޮވިފައިވަނީ މާތާއެވެ. އަދި އެންމެ މޮޅު ގޯލު ކީޕަރަށް ހޮވިފައިވަނީ ޗެލްސީއަށް މިދިޔަ ސީޒަނުގައި ކުޅުނު ތިބޯ ކޯޓުއާއެވެ. ނަމަވެސް އެންމެ މޮޅު 11 ގެ ތެރޭގައި އޭނާ ނުހިމެނެއެވެ.

މޮޅު އެގާރަގައި ހޮވިފައިވަނީ: ފޮވާޑުން ރޮނާލްޑޯ، މެސީ، އެމްބާޕޭ ހަޒާޑު
މިޑްފީލްޑަރުން: މޮޑްރިޗް، ކަންޓޭ
ޑިފެންޑަރުން: ރާމޮސް، ވަރާން، މާސެލޯ، ޑެނީ އަލްވޭސް
ގޯލު ކީޕަރު: ޑޭވިޑް ޑެހެއާ

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ލިވަޕޫލްގެ މުހައްމަދު ސަލާހް ވެސް ވަނީ ގަދަ އެގާރައިން ބާކީ ވެފައެވެ. އޭނާ ދިޔައީ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަށެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލު ނުވަތަ ޕުސްކާސް އެވޯޑު ހޯދާފައެވެ. ގިނަ ބަޔަކު ވަނީ މި އެވޯޑު އޭނާއަށް ހައްގު ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ. ލިވަޕޫލާ ދެކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ބޭލް ޖެހި އޯވާހެޑް ކިކް އަދި ރޮނާލްޑޯ ޔުވެންޓަސް ކޮޅަށް ޖެހި ގޯލަކީ މާ މޮޅު ދެގޯލު ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.