އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމަކީ އެއްވެސް މީހަކާ ތަފާތުކުރުން ނުގެންގުޅޭ، ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް، އެމްޑީއޭ އިން ބުނެފި އެވެ.
އިބޫ އަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައި އެމްޑީއޭއިން ބުނެފައިވަނީ އިބޫގެ ވެރިކަމުގައި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެމްޑީއޭ އިން ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔައިފަ އެވެ.
"އެމްޑީއޭ އިން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެމްޑީއޭ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީއޭއަކީ ޕީޕީއެމާއި ކޯލިޝަން ހަދައިގެން ކުރިޔަށް ދިޔަ ޕާޓީއެއް ނަމަވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ޕާޓީގެ ފަރާތުން ހަރަކާތްތެރިވެގެން ދިޔަ މަންޒަރެއް ފެނިފައިނުވެއެވެ.