މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ އައްޑޫ ޔުނިޓުގައި ހިންގާ މުނިސިޕަލް ސާވިސް އާއި ލޭންޑު ސާވިސްގެ ތަޅުދަނޑި ގެއްލުމާއި ގުޅިގެން އެތަނުގެ ތަޅުތައް ބަދަލުކޮށްފިއެވެ.
ހައުސިންގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި ތަޅުދަނޑި ގެއްލިފައިވާ ކަން އެނގިފައިވަނީ މިއަދު އޮފީސް ހުޅުވަން ބެލިއިރު ކަމަށެވެ.
"އޮފީހަށް އައި އިރު ތަޅުދަނޑިތަކެއް ނެތް، ތަޅުތެރެއަށް އެއްޗެހި ތަކެއް ވައްދާފައި ހުރީ"
ލޭންޑު ސާވިސް އަކީ އައްޑޫގެ ބިންތަކާއި ގުޅޭ އިދާރާއެވެ. ދާދި ފަހުން ވަނީ އީސީސީ ސަރަހައްދުން ނެގި ގޯތިތައް އަލުން ވަގުތީ ރަޖިސްޓްރީތަކާއި އެކު ދޫކޮށްފައެވެ. ގޯތި ދޫކުރުމުގައި ބޮޑެތި މައްސަލަަތައް ހުރި އިރު ގޯތު ދިނުމުގައި ކަރަޕްޝަން ހިންގާފައިވާކަމުގެ އަޑުވަނީ ފެތުރިގެން ގޮސްފައެވެ.
އެގޮތުން ބައެއް ބިންތައް ބަދަލުކޮށް ޕީޕީއެމްގެ އިސް ފަރާތްތަކަށް ދޫކޮށްފައިވާ ކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ.
އައްޑޫ ހައުސިން ޑިޕާޓްމަންޓުގެ ތަޅުދަނޑިތަކެއް ގެއްލިފައިވާ އިރު ދައުލަތުގެ ލިޔެ ކިއުންތައް ނައްތާލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެ އަޑުތަކާއި އެކު އެކަން ބަލައި ދިނުމަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ކަމާއި ގުޅޭ ގޮތުން ބަހެއް ހޯދާލުމަށް ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ހުންނެވި ޒުހައިރު އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ. އަދި ފަހުން "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ޒުހައިރު އޮފީހަށް ނިކުމެފައެއް ނުވެއެވެ.