ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ރޭ ބައްދަލު ކުރައްވައިފި އެވެ.
ނުހައްގުން އަނިޔާ ލިބެމުންދާ އެންމެންނަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދެ އިބޫ ވަނީ ވެވަޑައިގެންފައެވެ. އިބޫ، އިމްރާނާ ބައްދަލުކުރެއްވީ އޭނާގެ ގެއަށް ވަޑައިގެންނެވެ. ޓެރަރިޒަމްގެ ކުށުގައި، އިއްވި 12 އަހަރުގެ ހުކުމާއެކު މާފުށީ ޖަލުގައި ހައްޔަރު ކުރި އިމްރާން ގޭ ބަންދަށް ބަދަލުކުރީ މި އަހަރުގެ ޖޫން، 26 ގަ އެވެ.
އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ހަތަރު ލީޑަރުންގެ އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ. އިމްރާންގެ އިތުރުން އެ ކޯލިޝަންގެ އިސް ލީޑަރުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ކޯލިޝަންގެ ކާމިޔާބީ އަށް ފަހު، އިބޫ ފުރަތަމަ ބައްދަލު ކުރެއްވި ކޯލިޝަންގެ ލީޑަރަކީ ޝެއިޚް އިމްރާންއެވެ. މައުމޫން އަބްދުލްޤައްޔޫމް ހުންނެވީ ޖަލުގަ އެވެ. ޖަލު ހުކުމެއްގައި ތިއްބެވިޔަސް، ބޭސް ފަރުވާ އަށް ވަޑައިގަތުމަށް ފަހު، ނަޝީދާއި ގާސިމް ދިރިއުޅުއްވަނީ، ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގަ އެވެ.
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގެ ތަފްސީލެއް ޕާޓީތަކުން ހާމަކުރައްވާފައެއް ނުވެއެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.
އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
މި ގޮވާލުންތަކާ އެއްގޮތަށް، ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލަން އިބޫ ވަނީ ރައީސް ޔާމީނަށް ހުށަހަޅުއްވައިފަ އެވެ. އަދި ރައީސް ޔާމީންގެ ދައުވަތަކަށް އިބޫ އިއްޔެ ރައީސް އޮފީހަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި އެވެ.