އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިދިކޮޅު މަޖްލިސް މެމްބަރުންނާއި މިއަދު މެންދުރު ފަހު ބައްދަލު ކުރައްވައިފިއެވެ.
ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީ، ޖުމްހުރީ ޕާޓީ އަދި އަދާލަތުގެ އިތުރުން މަޖްލިސްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ 12 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރޭ ކޯޓުން މިނިވަން ކުރެއްވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މައްޗަންގޯލި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު ބައިވެރިވެވަޑައިގެންނެވިއެވެ.
އިބޫ އާއި ނައިބް ރައީސް ފައިސަލް ނަސީމް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގެ އެއްވެސް ތަފްސީލެއް މެމްބަރުންވެސް އަދި އިބޫވެސް މީޑިއާއަކަށް ދެއްވާފައި ނުވެއެވެ.