Last Updated: June 10, 11:04
Wednesday, June 10, 2026
ޚަބަރު

"އަޅުގަނޑަށް ނުހޯދުނު ފައިސާ އިބޫ ހޯދާނީ ކިހިނެއް؟"

presidencymv

ރައީސް އަބްދުﷲ ޔާމީނަށް ނުހޯދުނު ފައިސާއެއް އިންތިޚާބީ ރައީސް އިބޫ ސޯލިހް ހޯއްދަވާނީ ކިހިނެތްތޯ އެމަނިކުފާނު ސުވާލު ކުރެއްވި ކަމަށް އިބޫ، ޖޮއިންޓް އޮޕޮސިޝަން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ ބައްދަލުކޮށް ވިދާޅުވެއްޖެއެވެ.

މިއަދު އިބޫއާއި ފައިސަލް، އިދިކޮޅު ޕާލަމެންޓްރީ ގްރޫޕާއެކު ބޭއްވި ބައްދަލުވުމުގައި އިއްޔެ އިބޫއާ ރައީސް ޔާމީނާ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވާފައިވެއެވެ. އެގޮތުން އިއްޔެ ރައީސް އޮފީހުގައި ދެބޭފުޅުންގެ ބައްދަލުވުމުގައި ރައީސް، އެމަނިކުފާނު ނާކާމިޔާބުވެ ވަޑައިގެންފައިވާ ކަން ގަބޫލު ކުރައްވައި، އިބޫއަށް މަރުހަބާ ދެންނެވި ކަމަށް މެމްބަރުންނަށް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވަނީ އިއްޔެ ގައުމާ މުޚާތަބު ކުރައްވާވެސް، އެމަނިކުފާނު އިބޫއަށް މަރުހަބާ ދެންނެވި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ އިބޫގެ އަރިހުގައި އެމަނިކުފާނު އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށް ވިދާޅުވެފައި ކަމަށް މެމްބަރުން ހާމަކޮށްފައިވެއެވެ.

އަދި އެފައިސާ އަދީބު ފޮރުވާފައިވާ ކަމަށާއި 10 ބޭފުޅުންނާއެކު އަދީބު ބޭރަށް ފޮނުވި ނަމަވެސް ލިބޭ ފުރަތަމަ ފުރުސަތުގައި އަދީބު ފިއްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އަމިއްލަ ވާހަކަފުޅެއްވެސް އިބޫއަށް ދެންނެވި ކަމަށާއި ނަމަވެސް އެވާހަކަ ފުރަތަމަ ހިއްސާ ކުރައްވަން ބޭނުންވަނީ ހަތަރު ލީޑަރުންނާއެކު ކަމަށް އިބޫ ވިދާޅުވެފައިވެއެވެ. ސަބަބަކީ އެވާހަކައަކީ ރައީސް ޔާމީންގެ އަމިއްލަ ވާހަކަފުޅެއް ކަމަށް އިބޫ ދެންނެވި ކަމަށް ޚަބަރު ލިބެއެވެ.