Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމްގެ އިންތިޚާބީ ރައީސްއަށް ނޭނގި ކޮންގްރެސްއެއް ނުބޭއްވޭނެ: ވައްޑެ

ޕީޕީއެމްގެ އިންތިޚާބީ ލީޑަޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހވާލުކޮށް ހިންގުމަށް އެއްވެސް ކޯޓަކުން ހުކުމެއް ނުކުރާ ކަމަށާއި އެހެންކަމުން އިންތިޚާބީ ރައީސްއަށް ނޭނގި ކޮންގްރެސްއެއް ނުބޭއްވޭނެ ކަމަށް ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓަށް ނިސްބަތްވާ މަޝްހޫރު ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެންމެ މަތީ ލީޑަރުގެ މަގާމާ މެދު ދެބަސްވެ ޚިޔާލު ތަފާތުވެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައެއްގައި އެކޯޓުން ވަނީ ޕީޕީއެމް ހިންގުމުގެ ހުރިހާ ޒިންމާއެއް ކައުންސިލުން ވަކި ގޮތެއް ކަނޑައަޅަންދެން މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކޮށްފައެވެ.

ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެ ވެރިކަން ނިމުމާއެކު މުސްތަޝާރުގެ މަގާމު ގެއްލި ރައީސް ޔާމީނަށް ލިބިފައިވާ އެ ބާރު ކެނޑިގެން ދާނެއެވެ.

އެހެންކަމުން ޕީޕީއެމުން މިހާރު ރާވަމުން ދަނީ އޭގެ ކުރިން ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރައީސް ޔާމީނާ ލީޑަޝިޕް ހަވާލުކުރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މައުމޫން ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި އިރު ޕާޓީގެ ނައިބު ރައީސް ކަން ހަވާލުކުރެއްވި ވައްޑެ ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބާއްވަން އުޅޭ ކޮންގްރެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނުފޫޒުތަކުން މިންޖުވުމުން ޕާޓީ، ރައީސް ޔާމީން އަސާސީ ގަވާއިދާއި ޚިލާފަށް "ހިސޯރުކޮށްފައި" އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.